ޖާހު އިން 2017 ވަނަ އަހަރު ދަ ގާޑެންސްގެ ނަމުގައި ތަރައްގީ ކުރަން ފެށި އިމާރާތް ނިންމުމަށް ދިން މުއްދަތު ހަމަވީއިރު ވެސް މަސައްކަތް ނިންމާފައި ނުވާތީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެތަން އަތުލުން ހުއްޓުވަން ޖާހުގެ ފަރާތުން އެދުނު އަމުރު ނުނެރެދެވޭނެ ކަމަށް ސިވިލް ކޯޓުން ބުނެފި އެވެ.

އެޗްޑީސީން ބިމާ ހަވާލުވާން ދެދުވަހަށް ވެފައި ވަނިކޮށް ޖާހުގެ ފަރާތުން ހުށަހެޅި މި މައްސަލާގައި އެކުންފުނިން ބުނީ އެޗްޑީސީން އެއްބަސްވުން ބާތިލްކޮށްފައި ވަނީ ގޯސްކޮށް ކަމަށެވެ.

ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން ކުރި ހުކުމްގައި ބުނީ ޖާހުގެ ފަރާތުން ހޯދަން އެދިފައިވާ އަމުރަކީ އަވަހަށް ފިޔަވަޅު އަޅަން ޖެހޭ ބާވަތުގެ މައްސަލައެއް ނޫން ކަމަށާއި އެއީ އިންސާފު ގާއިމްކުރަން ކޮންމެހެން ނެރެން ޖެހޭ ބާވަތުގެ އަމުރެއް ނޫން ކަމަށެވެ.

އެހެންކަމުން އެ އަމުރު ނެރޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ދާދި ފަހުން ސިވިލް ކޯޓުން ވަނީ ޖާހު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓުތަކުގައި ހުރި ފައިސާތައް ހިފެހެއްޓުމަށް ރާއްޖެ ބޭންކުތަކަށް ވެސް އަންގާފަ އެވެ.

ޖާހުން ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތުގައި 28 ސުއިޓާއި 55 ވިލާ ހިމެނޭހެން ޖުމުލަ 83 ލަގްޒަރީ ޔުނިޓު ހުންނައިރު މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެޗްޑީސީން ވަނީ އެއްބަސްވުން ބާތިލު ކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދޭ ނޯޓިސް ދިނުމަށްފަހު މިދިޔަ މަހު އެ އެއްބަސްވުން ބާތިލުކޮށްފަ އެވެ.

މިކަމާ ގުޅޭ ގޮތުން އެޗްޑީސީން ބުނީ އެއްބަސްވުން ބާތިލު ކުރުމަށްފަހު އެ ތަނުގެ މަސައްކަތްތައް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު އެ ތަނުން އެޕާޓްމެންޓު ގަނެފައި ތިބި މީހުންނަށް ހިއްސާ ކުރަމުންދާނެ ކަމަށާއި އެއްބަސްވުން ބާތިލު ކުރުމުގެ ބޭނުމަކީ އެޕާޓްމެންޓް ގަނެފައި ތިބި މީހުންނަށް އެ ތަންތަން ވީހާ ވެސް އަވަހަކަށް ހަވާލުކުރުން ކަމަށެވެ.