މިދިޔަ އަހަރު ކުރީކޮޅު ހައުސިން މިނިސްޓްރީގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ބިންވެރިޔާ ސްކީމް ޑޮކިއުމަންޓްތަކުގެ ހާޑްކޮޕީ ނެތިގެންދިޔަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހްމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިގޮތުން މީކާއީލް ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ލިސްޓުގައި ނުހިމެނޭ ބަޔަކަށް ހައުސިން ޑިވޮލެޕްމަންޓް ކޯޕަރޭޝަނުން ގޯތިތަކެއް ހަވާލުކުރަން މަސައްކަތްކުރިކަން ހާމަވެފައިވާ ކަމަށާއި މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔެކިޔުމެއް އަލިފާނުގެ ހާދިސާގައި ނެތިގެން ގޮސްފައިވޭތޯ ސުވާލު ކުރައްވާފަ އެވެ.
މީކާއީލްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ބިންވެރިޔާ ސްކީމަކީ ޕޯޓަލެއް މެދުވެރިކޮށް ހިންގާ ސްކީމެއް ކަމަށްވާތީ ގޯތި ލިބޭ މީހުންގެ ލިސްޓު ގެޒެޓްކުރެވި، އެ މައުލޫމާތު މިނިސްޓްރީގެ ޕޯޓަލްގައި ރައްކާކުރެވިފައިވާ ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން ބަލަމުންދާ މައްސަލަތަކަށް ބޭނުންވާ މައުލޫމާތު މިހާރު ވެސް ފޯރުކޮށްދެމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާގައި ބިންވެރިޔާ ސްކީމާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ބަލަމުންދާ މައްސަލަތަކާއި ގުޅޭ ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔެކިޔުމެއް ނެތިގެން ގޮސްފައިވާކަން މިހާތަނަށް ފާހަގަ ކުރެވިފައެއް ނުވި ނަމަވެސް އަލިފާނުގެ ހާދިސާ ހިނގައިގެން ދިޔައިރު އިމާރާތުގައި ހުރި ބިންވެރިޔާ ސްކީމާގުޅޭ ޑޮކިއުމަންޓްތަކުގެ ހާޑްކޮޕީ ނެތިގެން ގޮސްފައިވާ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަލިފާނުގެ ހާދިސާ ހިނގައިގެން ދިޔައިރު އިމާރާތުގައި ހުރި ބިންވެރިޔާ ސްކީމާގުޅޭ ޑޮކިއުމަންޓްތަކުގެ ހާޑްކޮޕީ ނެތިގެން ގޮސްފައިވާކަން ފާހަގަކޮށްލަން،" މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް މިއަދުގެ މަޖިލީހަށް ހާޒިރުވެވަޑައިގެން މުއްތަލިބު ވަނީ ދާއިމީ ގޮތެއްގައި ބަންޑާރަ ގޯތި ދީގެން ކުރިއަށް ދިޔުމަކީ ދަތިކަމަށް ވެދާނެ ކަމަށާއި އެކަމަށް މަޖިލީހުގެ ތެރެއިން ހައްލެއް ހޯދައިދިނުމަށް އެދޭކަމަށް ވެސް ވިދާޅުވެފަ އެވެ.