ޒަމާނުއްސުރެ އިންސާނުން ޖައްވަށް ބަލައި އަޖައިބުވެ އުޅުނު ނަމަވެސް، ޖައްވުގެ އެތައް ސިއްރެއް ހާމަވަމުން އައީ ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުމާ އެކުގަ އެވެ. އެހެން ނަމަވެސް، މިއަދު ސައިންސްއާ، ޓެކްނޮލޮޖީގެ ޒަރިއްޔާއިން އަޅުގަނޑުމެންނަށް ހާމަވަމުންދާ ބައެއް މަންޒަރުތައް ކީރިތި ގުރުއާނުގައި މީގެ އެތައް އަހަރުތަކެއް ކުރިން ބަޔާންކޮށްދެއްވާފައިވާކަން އަންނަނީ ހާމަވަމުންނެވެ.

އެގޮތުން މިފަދަ އެއް ހޯދުމަކީ ޖައްވުން، ރަތް ކުލައިގެ ފިނިފެންމަލެއްގެ ސިފައިގައި ފެނިފައިވާ އެއްޗެކެވެ. މިއަށް، ސައިންސްވެރިން ދިން ނަމަކީ "ރޯޒެޓް ނެބިއުލާ" އެވެ.

ރޯޒެޓް ނެބިއުލާއަކީ ބިމުން ގާތްގަނޑަކަށް 5،200 އަހަރުގެ އަލީގެ ދުރުމިނުގައިވާ، 130 އަހަރުގެ އަލީގެ ފުޅާމިނުގެ، ގޭހާއި ކުނޑިން އެކުލެވިގެންވާ ބޮޑު ވިލާގަނޑެކެވެ. މި ވިލާގަނޑު ފެނުމުން ހުންނަނީ ރަތް ފިނިފެންމަލެއްގެ ސިފައިގަ އެވެ. އަދި އޭގެ ކުލަ ހުންނަނީ ހޫނުކޮށްފައިވާ ތެލެއްގެ ކުލައިގަ އެވެ. މިއީ ގުރުއާނުގައި ބަޔާންކުރެވިފައިވާ "ރަތް ތެޔޮފަދައިން ރަތްވެގެންވާ ހަންކޮޅެއް" އާ އެއްގޮތް މަންޒަރެކެވެ.

ސޫރަތުއް ރަޙްމާނުގެ 37 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވަނީ "ފަހެ، އުޑު ފަޅަފަޅައިގެންދާ ހިނދު، ރަތް ފިނިފެންމަލުގެ ކުލައިގައިވާ ތެޔޮގަނޑެއް ފަދައިން ވެދެއެވެ." މިފަދައިންނެވެ.

ޤުރުއާނު ބާވައިލެއްވުނު ޒަމާނުގައި މިފަދަ ޓެލެސްކޯޕްތަކެއް ނެތި، މިފަދަ ޢިލްމީ ހަގީގަތެއް އެނގުމަކީ އާދަޔާ ހިލާފު ކަމެކެވެ. މިއީ ކީރިތި ގުރުއާނީ، މާތްﷲގެ ބަސްފުޅުކަމާއި، އެ ބަސްފުޅު ގެނެސްދެއްވި މުޙައްމަދުﷺ އަކީ އެކަލާނގެ ރަސޫލާކަން ސާބިތުވާ ހެއްކެކެވެ.

ޢިލްމުގެ ކުރިއެރުމާއެކު، ޤުރުއާނުގައިވާ އިތުރު ޢިލްމީ މުޢުޖިޒާތްތައް ހާމަވަމުންދާނެކަން ޔަގީނެވެ. މިއީ އަޅުގަނޑުމެންގެ އީމާންކަން އިތުރުވެ، މާތްﷲއަށް ޝުކުރުވެރިވުމަށް ލިބޭ ފުރުސަތެކެވެ.