ޖެނެރޭޝަނަލް ބޭން ގެނައުމަށްޓަކައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

2007 އިން ފެށިގެން އޭގެ ފަހަށް އުފަންވާ ކުދިންނަށް ދުންފަތް މަނާ ކުރާ ބިލު މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅީ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގެވެ.

މި ބިލު ގާނޫނަކަށްވުމުން 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި އެ އުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީ މަނާކަމެއް ކަމަށް އިސްލާހުގައިވެ އެވެ.

މި އިސްލާހުގައި ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާތައްވެސް ހިމަނާފައިވާއިރު، އޭގެ ތެރޭގައި ދުންފަތުގެ ބާވަތްތައް ވިއްކޭނީ ލައިސަންސް އޮވެގެން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށާއި އެފަދަ ތަކެތި ގަންނަނީ ކާކުކަން ނޭނގޭގޮތަށް، އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށް ވަނީ ބަޔާން ކޮށްފަ އެވެ.

މީގެ އިތުރުންވެސް ދުންފަތުގެ ބާވަތްތައް އުފައްދަން ހާއްސަކޮށްފައިވާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުންވެސް މި އިސްލާހުގެ ދަށުން މަނާކޮށްފައިވާއިރު އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ގެންގުޅުމާއި ބޭނުންކުރުންވެސް ވަނީ މަނާކޮށްފައެވެ.

މިތަކެތި ގެންގުޅެނިކޮށް ނުވަތަ ބޭނުންކުރަނިކޮށް ފެނިއްޖެނަމަ އެ އަތުލުމުގެ ބާރު ފުލުހުންނަށް ލިބޭނެ ކަމަށާއި ރާއްޖެއަށް އެތެރެކުރާ އެފަދަ ތަކެތި އަތުލުމުގެ ބާރު ކަސްޓަމްސް އާއި ފުލުހުންނަށް ލިބިގެންދާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށްޓަކައި "ޖެނެރޭޝަނަލް ބޭން" އެއް ގެނައުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމެވިއިރު، މި ބިލު ގާނޫނަކަށް ވުމުން އެއަށް އަމަލު ކުރަން 6 މަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.

އެހެންކަމުން މި ބިލަށް އަމަލު ކުރަން ފެށުމަށް ސަރުކާރުން ނިންމާފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުން ފެށިގެންނެވެ.