އިޒްރޭލުން ގަދަކަމުން ވެރިގެންފައިވާ ގުދުސްގެ ކައިރި ސަރަހައްދުތަކުގައި ރޯވި އަލިފާން ގުދުސް އާ ހަމައަށް ފޯރަފާނެ ކަމުގެ އިންޒާރު އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފި އެވެ.
ގުދުސް ކައިރީގައި އޮތް ހުސްބިންތަކުގައި ރޯވި މި އަލިފާންގަނޑުގެ ސަބަބުން އެގައުމުގައި ގައުމީ ކުއްލި ހާލަތު އިއުލާނުކޮށްފައިވާއިރު، ނަތަންޔާހޫގެ އޮފީހުން އާއްމު ކުރި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ބުނީ ޖެހެމުންދާ ވައިގެ ސަބަބުން އަލިފާންގަނޑު އިތުރަށް ފެތުރި ގުދުސް ގެ އެތެރޭގައި ފެތުރުމުގެ ފުރުސަތު ވެސް ބޮޑު ކަމަށެވެ.
މި އަލިފާންގަނޑުގެ ސަބަބުން މިހާތަނަށް 23 މީހަކަށް ފަރުވާ ދީފައިވާއިރު އޭގެ ތެރެއިން 13 މީހަކު ވަނީ ދުމުގެ ސަބަބުން ލިބުނު ގެއްލުންތަކާއި ހަށިގަނޑު ފިހުމުގެ ސަބަބުން ހޮސްޕިޓަލްތަކަށް އިތުރު ފަރުވާއަށް ގެންގޮސްފަ އެވެ. މީގެ ތެރޭގައި ދެ މާބަނޑު އަންހެނުންނާއި އެއް އަހަރު ނުވާ ކުޑަ ދެކުދިން ހިމެނެ އެވެ.
އޭއެފްޕީ އިން ބުނިގޮތުގައި މި އަލިފާންގަޑު ކޮންޓްރޯލް ކުރުމަށް އެގައުމުގެ ގިނަ އިދާރާތަކަކުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް އަލިފާންގަނޑު އަންނަނީ ހުއްޓުމެއް ނެތި ފެތުރެމުންނެވެ.
މިއާއެކު އިޒްރޭލުން ކައިރި ގައުމުތަކުގެ އެހީ އަށް ވެސް އެދިފައިވާއިރު ކުރިއަށް އޮތް ތަނުގައި އިތުރަށް ހޫނު ގަދަވުމާއި ބާރުގަދަ ވައިގެ ސަބަބުން އަލިފާންގަނޑު އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ރިޕޯޓްކުރެ އެވެ.