ކުރިއަށް އޮތް 2026 ވަނަ އަހަރަށް އެމެރިކާގެ ސަރުކާރަށް ކަނޑައަޅާ ބަޖެޓުން 163 ބިލިއަން ރުފިޔާ އުނިކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގައިފި އެވެ.
މި ބަދަލާއެކު އެގައުމުގެ އަންނަ އަހަރުގެ ބަޖެޓުން ކްލައިމެޓް އާއި ތައުލީމާއި ސިއްހަތާއި ގެދޮރުވެރިކަމުގެ އިތުރުން އެ ގައުމުގައި ދިރިއުޅޭ ފަގީރުންނަށް ފައިދާވާ ދާއިރާތަކުން ވަރަށް ބޮޑުބައެއް ކަނޑާލާނެ އެވެ.
މީގެ އިތުރުންވެސް އެފްބީއައި އާއި އިތުރު ގާނޫނު ހަދާ އިދާރާތަކަށް ދޭ ފަންޑު ވެސް ކަނޑާލުމަށް ޓްރަމްޕް ވަނީ ނިންމާފަ އެވެ.
މިއާއެކު މީގެ ކުރިން 2017 ވަނަ އަހަރު ވެސް ރައީސް ކަމާއި ހަވާލުވެވަޑައިގެން އެގައުމުގެ ދާރުލްއާސާރު ތަކާއި އާޓު ގެލެރީތަކަށް ދޭ ފަންޑު ކަނޑާލިފަދައިން މިފަހަރުވެސް ވަނީ މި ފަންޑު ކަނޑާލުމަށް ނިންމާފަ އެވެ.
މި ބަދަލާއެކު އެމެރިކާގެ ހަރަދުގެ 7.6 އިންސައްތަ ކަނޑާލުމަށް އަމާޒުހިފާފައިވީ ނަމަވެސް އެގަައުމުގެ ނޭޝަނަލް ސެކިއުރިޓީ އަށް ހަރަދު ކުރާ މިންވަރު ވަނީ 13 އިންސައްތަ އަށް އިތުރުކޮށްފަ އެވެ.
މި ފިޔަވަޅުތައް އެޅުމަށް ޓްރަމްޕް ނިންމާފައި މިވަނީ އޭނާގެ ސަރުކާރުން ހާވާޑް ޔުނިވާސިޓީގެ ފަންޑުތައް ކަނޑާލުމާ ގުޅިގެން އެ ޔުނިވާސިޓީން ދައުވާ ވެސް ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.