މިދިޔަ މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު 21، ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޝަނުގެ މެންބަރުންނަށް މަހަކު 5،000 އާއި 15،000 ރުފިޔާ އާއި ދެމެދުގެ އެލަވަންސެއް ދޭން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މުއިއްޒު އިއްޔެ ބޭއްވި 14 ގަޑިއިރުގެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ވެސް އެލަވަންސެއް ކަނޑައަޅާފައިވާނެ ކަމަށެވެ.
އޭގެ ތެރެއިން އައިޖީއެމްއެޗްގެ ސީނިއާ ފިޒީޝަން، ޑރ. މޫސާ މުރާދު އާއި ހުޅުމާލެ ހޮސްޕިޓަލްގެ ނާސިން ޑިރެކްޓަރު ޖަބީން މުހައްމަދަކީ ވަޒީފާއިން ވީއްލި، މުސާރަ ވެސް ހިނގާ ގޮތަށް އައްޔަން ކޮށްފައިވާ ދެބޭފުޅުންނަށް ވާތީ އެ ދެބޭފުޅުންނަށް އެލަވަންސްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ 5،000 ރުފިޔާ އެވެ.
އެހެންނަމަވެސް ބާކީ ތިއްބަވާ ބޭފުޅުންނަކީ އިތުރު ވަޒީފާއެއް އަދާކުރައްވާ ބަޔަކަށް ނުވާތީ އެއިން ކޮންމެ ބޭފުޅަކަށް 15،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އޭޕްރިލް މަހުގެ 27 ވަނަ ދުވަހު މި ކޮމިޝަނަށް އެންމެ ފުރަތަމަ އައްޔަނުކުރެއްވީ ޑރ. މުހައްމަދު މުނައްވަރާއި، ކުރީގެ ވައިސް ޗިފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދުގެ އިތުރުން މި މައްސަލާގައި ތުހުމަތު ކުރެވޭ ރައުދު ޒިލާލާ ތިމާގެ ކަމުގެ ގުޅުން އޮންނަ ޑރ. މުހައްމަދު ހަބީބެވެ. ފަހުން ޑރ. ހަބީބު ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފަ އެވެ.
މިއީ އަންހެން ކުއްޖެއްގެ މައްސަލަ ބަލާ ކޮމިޝަނަކަށް ވާއިރު ކޮމިޝަނުގައި އަންހެނެއް ނެތުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވުމާއެކު ފަހުން ރައީސް މުއިއްޒު ވަނީ މި ކޮމިޝަނަށް އާމިނަތު އީނާސް އާއި ޖަބީން މުހައްމަދު އިތުރު ކުރައްވާފަ އެވެ.
މި ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށް ޔުމްނުގެ އާއިލާއިން ވެސް ބުނެފައިވާއިރު މި މައްސަލާގައި ކަމާ ބެހޭ އިދާރާތަކުން އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން ޒުވާނުން އަންނަނީ އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރަމުންނެވެ.
މި މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން ދެ މީހަކު ހައްޔަރުކުރި އިރު ފަހުން އެ ދެ ޒުވާނުން ވަނީ ދޫކޮށްލާފަ އެވެ. އޭގެ ފަހުން ރޭގައި ވެސް ޒުވާނުން ވަނީ ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް އެދި އަޑުއުފުލާފަ އެވެ.