ސަރުކާރުން ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫޢުގެ ދަށުން މިހާތަނަށް ރާއްޖޭގެ ސްކޫލްތަކުގެ 11 އިންސައްތަ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށް ނިމިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ ރާއްޖޭގައި މިވަގުތު ތައުލީމު ހާސިލުކުރަމުންދާ 3،740 ކްލާސްރޫމުގެ ތެރެއިން 401 ކްލާސްރޫމުގައި ޖުމްލަ 802 އޭސީ ހަރުކޮށް ނިމިފައިވާ ކަމަށެވެ. މިއީ މުޅި ޖުމްލައިގެ 10.72 އިންސައްތަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އޭސީ ހަރުނުކުރެވި ހުރި ސްކޫލްތަކަށް ގަނޑުކޮށް އޭސީތައް މި މަހު ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ކްލާސްރޫމެއް އޭސީ ކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"ކޫލް ސްކޫލް" މަޝްރޫއަކީ މިދިޔަ އަހަރުގެ ޖޫން މަހު އިއުލާންކުރި މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން އޭސީ ހަރުކުރުމަށް 600 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އަދި އޭސީތައް ބެލެހެއްޓުމާއި ބިލުތަކަށް އަހަރަކު 178.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ވަނީ އަންދާޒާކުރައްވާފަ އެވެ.
ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް ހަލުވިކޮށް ކުރިއަށްދާ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި ނަމަވެސް، ބައެއް ސްކޫލްތަކުން އޭސީ ގަތުމަށް ބެލެނިވެރިންގެ އަތުން ފައިސާ ނަގާ ކަމުގެ ޝަކުވާތައް ފަހަކަށް އައިސް އިތުރުވެފައިވެ އެވެ. ނަމަވެސް މިގޮތަށް ބެލެނިވެރިން އަތުން މަޖުބޫރު ކުރުވައިގެން ފައިސާ ހޯދުމަކީ މަނާ ކަމެއް ކަމަށް އެޑިއުކޭޝަނުން ބުނެފައިވެ އެވެ.