ޕާކިސްތާނުން ގާތްގަނޑަކަށް 400 ޑްރޯން ބޭނުންކޮށްގެން އިންޑިއާގެ ސިއަޗަން އިން ފެށިގެން ސާ ކްރީކް އާއި ދެމެދުގެ 36 ސަރަހައްދަކަށް ހަމަލާ ދީފައިވާކަމަށް އިންޑިއާއިން ބުނެފި އެވެ.

އިންޑިއާގެ އަސްކަރިއްޔާގެ ވިންގް ކޮމާންޑަރު ވިޔޮމިކާ ސިންގު ބުނީ މިއީ ތުރުކީން އުފައްދާ ޑްރޯންތަކެއް ކަމަށާއި ޕާކިސްތާނުން ރޭގައި މި ހަމަލާ ދީފައިވަނީ އިންޑިއާގެ އަސްކަރިއްޔާ ޓެސްޓް ކުރުމަށް ކަމަށް ބެލެވޭ ކަމަށެވެ. އޭގެ ފަހުން އިންޑިއާގެ ބަޓިންޑާ އަސްކަރީ ސްޓޭޝަނަށް ވެސް ޑްރޯން ހަމަލާތަކެއް އަމާޒުކޮށްފައިވާކަމަށް ވިޔޮމިކާ ބުނެ އެވެ.

އިންޑިއާގެ އަސްކަރިއްޔާގެ ކާނަލް ސޯފިޔާ ގުރައިޝީ އާއި ފޮރިން ސެކެޓްރީ ވިކްރާމް މިސްރީވެސް ބައިވެރިވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ވިޔޮމިކާ ބުނީ މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިންޑިއާއިން ޕާކިސްތާނުގެ 4 އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށާއި މި ހަމަލާތަކުގައި ޕާކިސްތާނުގެ ވައިގެ ދިފާއީ ރާޑަރެއް ހަލާކުކޮށްލާފައިވާ ކަމަށެވެ.

މިއާއެކު ޕާކިސްތާނުން ވަނީ އިންޑިއާގެ ތަންގުދަރާއި، އޫރީ، ޕޫންޗް، މެންދަރު، ރަޖޫރީ، އަކްނޫރު އަދި އުދަންޕުރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.

މި ހަމަލާތަކުގައި އޫރީގެ އަންހެނަކު މަރުވެ 4 މީހުން ޒަހަމްވެ ގިނަ އަދަދެއްގެ ގެތަކަކަށް ވަނީ ގެއްލުން ލިބިފަ އެވެ. އަދި އިންޑިއާގެ ސިފައިންނަށާއި ބައެއް އަސްކަރީ ތަކެއްޗަށް ވެސް ގެއްލުން ވެފައިވާކަމަށް އިންޑިއާއިން ބުނެ އެވެ.

އިންޑިއާ އާއި ހިލާފަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު އާއްމު ދަތުރުފަތުރަށް އަދިވެސް ބަންދު ނުކުރާތީ މިއީ އާއްމުން ނުރައްކަލަށް ވައްޓާލުމަށް ޕާކިސްތާނުން ކުރަމުންދާ ނާތަހުޒީބު ކަމެއްކަމަށް ބުނެ އިންޑިއާއިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ކަޝްމީރުގެ ޕަހަލްގަމް އަށް ދިން ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން އިންޑިއާއާ ޕާކިސްތާނުގެ ގުޅުން ގޯސްވެ މިއީ ޕާކިސްތާނުން ދިން ހަމަލާއެއް ކަމަށް ބުނެ އިންޑިއާއިން ވަނީ ބަދަލުހިފުމުގެ ގޮތުން "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި އަސްކަރީ އޮޕަރޭޝަނެއް ވެސް ފަށާފަ އެވެ. އިންޑިއާގެ މި ތުހުމަތުތައްް ދޮގުކޮށް، ރައްދުގައި ޕާކިސްތާނުން ވަނީ "އޮޕަރޭޝަން ބުންޔަނުން މަރުސޫސް" ފަށާފަ އެވެ.