ފްރާންސްގެ އާބާދީ 322 މީހުން ދިރިއުޅޭ ކުޑަކުޑަ ރަށެއްގެ ބިމުގެ އަޑިން 1،000 އަހަރު ކުރީގެ ހޮހޮ ހޮހޮޅައެއް ފެނިއްޖެ އެވެ.
އެނގިފައިވާ ގޮތުން މި ހޮހޮޅައިގައި 80 ހަށިގަނޑު ވަޅުލާފައިވާ ހިލަ ފޮށި ހުރި ކަމަށްވެ އެވެ. މި ހޮހޮޅަ ވަނީ ސީދާ ހިލައިގެ ތެރެއަށް ކޮނެފަ އެވެ.
ރަށުގެ ތާރީޚާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މެރީ ޑުބޯއިސް ވިދާޅުވީ މި ހޮހޮޅައަށް ފުރަތަމަ ފަހަރަށް ވަންނަ މީހުން އެތަން ފެނުމުން ހައިރާންވެ ހަނުހިމޭނުން ތިބޭ ކަމަށެވެ. އަދި މި ތަނުގެ ބޮޑުމިނާއި ރައްކާތެރިކަމުން ތަޖުރިބާކާރު އާސާރީ ތަކެތި ދިރާސާކުރާ މާހިރުން ވެސް ހައިރާންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހޮހޮޅަ އުފެދިފައިވަނީ ގާތްގަނޑަކަށް 10 ވަނަ ގަރުނުގައި ކަމަށް ލަފާކޮށްފައިވެ އެވެ. މި ހޮހޮޅައިގައި ހުރި ކޮންމެ ހިލައިގެ ކޫރުންތައް ވަނީ ވަރަށް ފަރުވާތެރިކަމާއެކު ކަނޑައި ތައްޔާރުކޮށްފަ އެވެ. އަދި މިހިލައިގެ ކުރެހުންތައް ކުރަހާފައި ހުރުމުން އޭރުގެ މަރުވެފައިވާ މީހުން ވަޅުލުމުގެ އާދަކާދަތައް ދެނެގަނެވެ އެވެ.
މި ހޮހޮޅައިގެ އެންމެ ހައިރާންކުރުވަނިވި އެއް ކަމަކީ ހޮހޮޅައިގެ މެދުގައި ހުރެ އާންމު އަޑަކުން ވާހަކަ ދެއްކުމުން އެ އަޑު ވަރަށް ސާފުކޮށް ހޮހޮޅައިގެ ހުރިހާ ހިސާބަކަށް އިވޭކަމެވެ.
އެރަށުގައި މި ހޮހަޅައާ މެދު ދެކެވޭ ވާހަކައެއްގައި ބުނެވެނީ މެދުޔުގުގެ ދީނީ އިލްމުވެރިން މި ތަން ހޮވީ މި ސަބަބަށްޓަކައި ކަމަށެވެ. އެއީ މަރުވެފައިވާ މީހުންގެ ފުރާނަ އުޑަށް ދިއުމަށް ފަސޭހަވާނެ ކަމަށް ޤަބޫލުކުރެވޭތީކަމަށް އެ ރަށުގެ މީހުން ގަބޫލުކުރާ ކަމަށެވެ.