ދުނިޔޭގެ އެންމެ ބޮޑު ވެލްތު ފަންޑު ކަމަށްވާ ނޯވޭ ގެ ސޮވެރިން ވެލްތު ފަންޑުން އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމަށް އެހީތެރިވާ އެގައުމުގެ ކުންފުންޏެއް ކަމަށްވާ ޕަޒް ރީޓެއިލް އެންޑް އެނާޖީ (ޕަޒް.ޓާ) އަށް އިންވެސްޓް ކުރުން ހުއްޓާލަން ނިންމައިފި އެވެ.

މީގެ ކުރިން މިދިޔަ ޑިސެންބަރު މަހުވެސް އިސްރާއީލުގެ ޓެލެކޮމިއުނިކޭޝަން ފާމެއްކަމަށްވާ ބެޒެކް އަށް ފަންޑުކުރުން ވެސް ނޯވޭ ގެ ސޮވެރިން ވެލްތު ފަންޑުން ހުއްޓާލިއިރު، މިފަހަރު ފަންޑުކުރުން ހުއްޓާލި ޕަޒް އަކީ އިޒްރޭލުގެ ތެލުގެ ވިޔަފާރީގެ އެންމެ ބޮޑު އޮޕަރޭޓަރެވެ.

މި ނިންމުމާ ގުޅޭގޮތުން ނޯވޭ ގެ ސޮވެރިން ވެލްތު ފަންޑުން ބުނީ ޣައްޒާގެ ހުޅަނގު އައްސޭރީގައި ގަދަކަމުން ވެރިވެގެން ތިބި ޔަހޫދީންނަށް ތެޔޮ ފޯރުކޮށްދިނުމަކީ އެމީހުންގެ އަނިޔާވެރިކަމަށް ވާގިވެރިވުން ކަމަށެވެ.

ދުނިޔޭގެ 9،000 އަށް ވުރެ ގިނަ ކުންފުނިތަކުގެ 1.5 އިންސައްތަ ހިއްސާ އޮންނަ ނޯވޭ ގެ ސޮވެރިން ވެލްތު ފަންޑަކީ ނޯވޭގެ ސަރުކާރުން އެކުލަވާލާފައިވާ އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ، ސަރުކާރުތަކާ އިޖުތިމާއީ އަދި ތިމާވެށީގެ ކަންކަމުގެ ލީޑަރެއް ގޮތުގައި ސިފަ ކުރާ ފަންޑެކެވެ.