ބައްޝާރުލް އަސަދުގެ ވެރިކަމުގައި އެމެރިކާއިން ސީރިއާ އަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމައިފި އެވެ.
ޓްރަމްޕް މިހާރު ސައުދީއަރަބިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި އޮތް އިންވެސްޓްމަންޓް ފޯރަމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ސީރިއާއަށް އިތުރު ފުރުސަތެއް ދިނުމަށްޓަކައި އެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ނިންމާފައިވާ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ އޭނާ މިފަދައިން ނިންމީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން އާއެކު މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ. ސައުދީ އާއި ތުރުކީން އަބަދުވެސް އަންނަނީ ސީރިއާ އާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ގޮވާލަމުންނެވެ.
އެމެރިކާއިން މި ފިޔަވަޅުތައް އުވާލުމުން ސީރިއާގައި މަސައްކަތްކުރާ އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކަށް ދުނިޔޭގެ އިގްތިސާދީ ސިސްޓަމްތަކަށް ފަސޭހައިން ވާސިލްވެވި، ފޮރިން އިންވެސްޓްމަންޓާއި އެ ގައުމުގެ އިގްތިސާދު ކުރިއެރުވުމަށް ފަސޭހަ ވެގެންދާނެ އެވެ.
ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ އެ ގައުމުގެ އަހުލީ ހަނގުރާމައާ ގުޅިގެންނެވެ. މި ހަނގުރާމަ 14 އަހަރަށް ފަހު ނިމުމަކަށް އައިސްފައި ވަނީ ކުރީގެ ރައީސް ބައްޝާރު އަލް އަސަދުގެ ވެރިކަން ވެއްޓުމާއެކު އެވެ.
އެއާއެކު މިހާރު ސީރިއާގެ ރައީސް ކަމުގައި ހުންނަވަނީ އަހުމަދު އަލް ޝަރާ އެވެ. ޓްރަމްޕްގެ މި ދަތުރުގައި ޝަރާ އަށް ބައްދަލުކުރުމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.