ދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާގެ ތަހުގީގަށް ހައްޔަރު ކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް، 21، ގެ ބަންދަށް އިތުރު 20 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފި އެވެ.

ޔުމްނު ވެއްޓުނު ހާދިސާގައި ރައުދުގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތުކޮށް ފުލުހުން އޭނާ ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސްފަހުން މިދިޔަ މަހުގެ 24، ގަ އެވެ. އޭނާގެ ބަންދަށް ފުރަތަމަ ފަސް ދުވަސް ޖެހުމަށް ފަހު ބަންދަށް 10 ދުވަސް ފަހުން އިތުރު ކުރި އެވެ. އޭގެފަހުން މިމަހުގެ 10، ގައި އަނެއްކާވެސް ފަސް ދުވަސް އޭނާގެ ބަންދަށް އިތުރު ކުރި އެވެ. މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ހަތަރުވަނަ ފަހަރެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ ގާނޫނުގެ ކޮން މާއްދާއަކަށް ރިއާޔަތްކޮށްގެން ކަމެއް ފުލުހުން ނުބުނެ އެވެ.

ރައުދު ހައްޔަރު ކުރީ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ވުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމުގެ ތުހުމަތުގަ އެވެ. އޭގެއިތުރުން މިނިވަނެއްގެ ގޮތުގައި ހުރެގެން ހެކި ނައްތައިލަފާނެ ކަމަށް ވެސް ފުލުހުން އޭނާއަށް ތުހުމަތު ކޮށްފައިވެ އެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެއްވެސް މީހަކު ހައްޔަރު ނުކޮށް މައްސަލައިގެ މައުލޫމާތު ސިއްރުކޮށް އޮޅުވާލަން ފުލުހުން މަސައްކަތްކުރާކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވުމާ ގުޅިގެންނެވެ.