ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންވީރު ސިންހްއާއި އަނުޝްކާ ޝަރްމާއަކީ ދާދި އެކުގައި ކަހަލަ ގޮތަކަށް ފިލްމީ ދާއިރާއަށް ވަތް ދެމީހުންނެވެ.

އެ ދެމީހުން އެކުގައި ފެނިގެންދިޔަ "ބޭންޑް ބާޖާ ބާރާތު"އަކީ ރަންވީރުގެ ފުރަތަމަ ފިލްމަށްވާއިރު އަނުޝްކާ ބޮލީވުޑަށް ތައާރަފްވީ އޭގެ ދެ އަހަރު ކުރިންނެވެ.

"ބޭންޑް ބާޖާ ބާރާތު"އަށް ލިބުނު ކާމިޔާބާއެކު ގިނަ ބަޔަކަށް ރަންވީރާއި އަނުޝްކާގެ ޖޯޑު ވަރަށް ކަމުދިޔަ އެވެ. އެއާއެކު އެ ދެމީހުން އަޅުވައި ކިޔަން ވެސް ފެށި އެވެ.

ރަންވީރުއާއި އަނުޝްކާ އަޅުވައި އޭރުގެ މީޑިއާއާއި އެ ދެމީހުންގެ ސަޕޯޓަރުން ވާހަކަތައް ފެތުރި ނަމަވެސް އެކަމަށް އެ ދެތަރިންކުރެ އެއްވެސް ތަރިއަކު ސަމާލުކަމެއް ދީފައެއް ނުވެ އެވެ.

އޭގެ އަހަރުތަކެއް ފަހުން އަނުޝްކާ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ރަންވީރުއާ ރައްޓެހިނުވީ ކީއްވެގެންތޯ އެހުމުން އަނުޝްކާ ބުނީ ލޯބިވެރިއެއްގެ ކިބައިގައި ހުންނަންވާ ސިފަތައް ރަންވީރުގެ ކިބައިގައި ނެތް ކަމަށެވެ.

"އަހަރެން ބޭނުންވަނީ އަހަރެން އޭނާއަށް ދޭ ސަމާލުކަން އަހަންނަށް ވެސް ދޭ މީހެއް. އޭނާއަކީ އެކަހަލަ މީހެއް ނޫން،" އަނުޝްކާ ބުންޏެވެ.

އޭގެފަހުން ރަންވީރު ދީޕިކާއާ ލޯބީގެ ގޮތުން ގުޅި ކައިވެނި ކޮށްފައިވާއިރު އަނުޝްކާ ކައިވެނިކުރީ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާ އެވެ.

އަނުޝްކާއާއި ވިރާޓްގެ ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު ރަންވީރުއާއި ދީޕިކާ ވަނީ ދާދި ފަހުން އެމީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔާފަ އެވެ.