މަޝްހޫރު ލިޔުންތެރިޔާ ސަލްމާން ރުޝްދީ އަށް ހަމަލާދީ އޭނާގެ އެއްލޯ އަނދިރިކޮށްލި މީހާ، ހަދީ މަތާރު އަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އޮގަސްޓް މަހު 24، 2022 ގައި މަތާރު ރުޝްދީ އަށް ހަމަލާދިނީ ނިއު ޔޯކްގައި އޭނާ ލެކްޗަރެއް ދޭން ހުރި ވަގުތެއްގައި ސްޓޭޖް މައްޗަށް ދުވެފައި ގޮސް އެރުމަށްފަހު އެވެ.

ރުޝްދީގެ ކަރާއި ބޮލާއި ލޮލަށް 15 ވަރަކަށް ފަހަރު މަތާރު ހަމަލާދިން އިރު، މި ހަމަލާގެ ސަބަބުން އޭނާގެ އެއްލޯ އަނދިރިވެ، ހަށިގަނޑުގެ އެތައް ތަނެއް ޒަހަމްވެފަ އެވެ.

މަތާރުގެ މައްޗަށް މި މައްސަލާގައި ކޮށްފައިވަނީ ގަސްތުގައި މީހަކު މެރުމަށް މަސައްކަތް ކުރުމާއި ހަމަލާދިނުމުގެ ކުށުގެ ދައުވާ އެވެ.

މިކަމާ ގުޅިގެން އޮތް އަޑުއެހުމުގައި ވާހަކަދައްކަމުން އުމުރުން 77 އަހަރުގެ ރުޝްދީ ވިދާޅުވީ އޭނާގެ ގައިގައި މަތާރު އެތައް ފަހަރަކު ޖަހާފައިވާ ކަމަށާއި ފުރަތަމަ ހީކުރީ މަތާރު ޖަހަނީ ގޮށްމުށުން ކަމަށެވެ. އެހެން ނަމަވެސް ގައިން އަންނަމުން ދިޔަ ލޭ ފެނިފައި ހާލަތުގެ ސީރިއަސްކަން ވިސްނުނު ކަމަށް ރުޝްދީ ވިދާޅުވި އެވެ.

ބްރިޓިޝް އެމެރިކަން ނޮވެލިސްޓް ރުޝްދީ އަކީ އިންޑިއާގެ މުސްލިމު އާއިލާއަކަށް އުފަންވި ފަރާތެކެވެ. އޭނާގެ ލިޔުންތެރިކަމުގެ ތެރެއިން "މިޑްނައިޓްސް ޗިލްޑްރެން" ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީ ތަކެއް ހޯދާފަ އެވެ.

އެހެން ނަމަވެސް އޭނާ 1988 ވަނަ އަހަރު ނެރުނު 4 ވަނަ ނޮވެލް ކަމަށްވާ "ސެޓެނިކް ވާސަސް"ގެ ސަބަބުން މުސްލިމުންގެ މެދުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިކަމާ ގުޅިގެން ރުޝްދީ މެރުމަށް އޭރުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ރުހުﷲ ޚާމައިނީ ވަނީ ފަތުވާ އެއްވެސް ނެރެފަ އެވެ.

އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށުގައި ހުރެ މި ފޮތް އޭނާ އާއްމު ކުރުމާއެކު އޭރު ވަނީ އެކަމާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއްކޮށް ރުޝްދީއަށް ވެސް ހަމަލާދީފަ އެވެ.