ކައިވެނީގެ ހަފްލާތައް ޒީނަތްތެރި ކޮށްދޭ ކަމަށް ބުން ސްކޭމް ހިންގި "ޖަސްޓް މެރިޑް"ގެ ފޭސްބުކް ޕޭޖް އެންމެ ފަހުން ޑީއެކްޓިވޭޓް ކޮށްފި އެވެ.
މި ޕޭޖް ޑީއެކްޓިވޭޓްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކައިވެނީގެ ހަފުލާއެއްގެ އިންތިޒާމުތަކަށް ފައިސާ ދެއްކި ނަމަވެސް ޑެކަރޭޝަނާއި ކެއުމާ ގުޅޭ ކަންކަމަށް ދިން ލަނޑުގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި އާއްމުކުރުމާ ގުޅިގެން އެކަމަށް ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށެވެ.
ޖަސްޓް މެރިޑް ޕޭޖު ހިންގަނީ ގ. ލައުޒާން، މުހައްމަދު ހުނައިން އެވެ.
ހަމަ އެކަނި ފޭސްބުކުގައި ހިންގާ އެ ޕޭޖު ރެއާ ހަމައަށް ވެސް އެކްޓިވްވި ނަމަވެސް މިހާރު އެ ޕޭޖު ވަނީ ޑީއެކްޓިވޭޓް ކޮށްފައިވާއިރު މިއީ ރަޖިސްޓްރީނުކޮށް ހިންގާ ވިޔަފާރިއެއްކަން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން އެނގެ އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ބުނީ ސޯޝަލް މީޑިއާގައި އެ ޕޭޖުގެ ޕޯސްޓުތަކެއް ދައުރުވަމުން ދާތީ އެކަމާ ގުޅޭ މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ޕޭޖުން ސްކޭމް ހިންގި އައިޝަތު ނަދާގެ ދެމަފިރިންގެ ކައިވެނީގެ ހަފުލާގެ އިންތިޒާމުތައް ހަމަޖައްސައިދޭން މި ޕޭޖަށް ހަވާލުކުރުމުން ހައުސް އޮފް ޖޭޑުގައި ބޭއްވި ކައިވެނީގެ ޑެކަރޭޝަނަށް "ޖަސްޓް މެރިޑް" ޕޭޖަށް ނަދާގެ ދެމަފިރިން މިދިޔަ މަހުގެ 1 ވަނަ ދުވަހު 20،000 ރުފިޔާ ދިނީ 200 މީހުންގެ ކެއުން ވެސް ހިމެނޭ ޕެކޭޖަކަށެވެ.
އިތުރަށް ދައްކަން ޖެހުނު 14،500ރ. އާއި 50 މީހުން އިތުރު ކުރަން ބޭނުން ވެގެން މިދިޔަ މަހުގެ 13 ވަނަ ދުވަހު 7،500ރ. ވެސް ދެއްކިއިރު، ބާކީ ނުދައްކާ އޮތީ ކައިވެނި ޕާޓީ އޮންނަ ދުވަހު، ހުރިހާ ކަމެއް ފުރިހަމައަށް ނިމުމުން ދޭން އެއްބަސްވެފައިވާ 2،000ރ. ކަމަށް ނަދާ ވަނީ ބުނެފަ އެވެ.
https://www.facebook.com/share/p/16P8dKMCtc/?mibextid=wwXIfrނަދާ ފޭސްބުކުގައި ކުރި މި ޕޯސްޓު ގިނަ ބަޔަކު ޝެއާ ކޮށްފައިވާއިރު ނަދާގެ އިތުރުންވެސް ގިނަ ބަޔަކަށް އޭނާ ސްކޭމް ކޮށްފައިވާކަން މި ޕޯސްޓަށް ކޮށްފައިވާ ކޮމެންޓުތަކުން ހާމަވެ އެވެ.