ފާއިތުވި ހަފުތާގައި ސްކޭމްކޮށްގެން 480,000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ގެއްލިފައިވާ ކަމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ.
އެންޓި ސްކޭމް ސެންޓަރުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 13 އިން 19 އަށް 45 ސްކޭމް މައްސަލަ ރިޕޯޓުކުރެވުނެވެ. މި މައްސަލަތަކުގައި ޖުމްލަ 481,520 ރުފިޔާ ގެއްލިފައިވާއިރު، އޭގެތެރެއިން 383,610 ރުފިޔާ އަނބުރާ ހޯދިފައިވެ އެވެ.
އެންމެ ގިނައިން ހިންގާފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލަތަކެވެ. މިގޮތުން 26 މައްސަލަ ހުށަހެޅިފައިވެ އެވެ. ސްކޭމަރުން އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޭސްބުކް މާކެޓްޕްލޭސް އެވެ. އެހެނިހެން ސްކޭމްތަކުގެ ތެރޭގައި ބޭރު ފައިސާ މާރުކުރުމުގެ 10 މައްސަލައާއި، ފޯނު މެދުވެރިކޮށް ހިންގާ 5 މައްސަލަ ހިމެނެ އެވެ.
ސްކޭމް ކުރުމަށް ބޭނުންކޮށްފައިވާ އެހެނިހެން ވަސީލަތްތަކުގެ ތެރޭގައި ވައިބާ، ފޯނު ކޯލް، އައިބޭ، މެސެންޖާ، ޓެލެގްރާމް އަދި އިންސްޓަގްރާގްރާމް ހިމެނެ އެވެ. މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އިތުރަށް ސަމާލުކަން ދިނުމަށް އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފައިވެ އެވެ.
ޝައްކު އުފެދޭނަމަ ޔަގީންކުރުމަށާއި، ލިންކުތަކަށް ނުފިތުމަށާއި، ވެރިފިކޭޝަން ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް އެ ސެންޓަރުން އިރުޝާދު ދީފައިވެ އެވެ.