ރޭ ސިނަމާލެ ބްރިޖުގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައިފި އެވެ.

މި ދެ އެކްސިޑެންޓުގައި ޖުމްލަ ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުރަތަމަ އެކްސިޑެންޓް ހިނގާފައިވަނީ ބްރިޖުގައި މަޑުކޮށްގެން އޮތް ކާރެއްގެ ފަހަތުގައި ދެ ސައިކަލު ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވެ އެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 9:48 ހާއިރުކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.

ދެވަނަ އެކްސިޑެންޓް ހިނގާފައިވަނީ ފުރަތަމަ އެކްސިޑެންޓާ ގުޅިގެން ޓްރެފިކް މަޑުޖެހިފައި އޮއްވަ އެވެ. މި އެކްސިޑެންޓުގައި ކާރެއްގެ ފަހަތުގައި ސައިކަލެއް ޖެހި، ސައިކަލު ދުއްވި މީހާގެ ފަލަމަސްގަނޑަށް އަނިޔާވެފައިވެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި ދެ އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް މިހާރު ވަނީ ފަރުވާ ދޭން ފަށާފަ އެވެ.

އަދި މި ދެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެ އެވެ.