ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިއްސާއަކަށް 55 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.
ރޭ ބޭއްވި އެ ބޭންކުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 55 ރުފިޔާގެ މަގުން ޖުމްލަ 296 މިލިއަން ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފަ އެވެ. ބީއެމްއެލްގެ ހިއްސާގެ ފައިދާ ލިބޭނީ ބުކް ކްލޯޝާ ޑޭޓްއާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށް އެ ބޭންކުން ބުނެ އެވެ.
މިއީ ބޭންކުގެ ތާރީހުގައި ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދު ކަމަށް ބީއެމްއެލުން ބުނެ އެވެ.
މިކަމާ ގުޅިގެން ބީއެމްއެލް ގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ މި ރެކޯޑު އަދަދުގެ ފައިދާއަކީ ބީއެމްއެލްގެ ވިޔަފާރީގެ ހަރުދަނާކަމާއި މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި ބޭންކަށް ކަސްޓަމަރުންނާއި ހިއްސާދާރުން ދެއްވާ އެއްބާރުލުމަށާއި ކުރާ އިތުބާރަށް ޝުކުރު އަދާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރިމަގުގައިވެސް މާލީ ކުރިއެރުން ހޯދުމާއެކު، އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަސައްކަތުގައި ދެމި ތިބޭނަން،" ޝަރީފު ވިދާޅުވި އެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބޭންކުގެ ޑިޖިޓަލް ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ އިންވެސްޓްމަންޓްތަކުގެ ނަތީޖާއަކީ ރާއްޖޭގެ މާލީ ސިނާއަތުގައި ހިދުމަތުގެ މިންގަނޑު ކަނޑައެޅުމެވެ.
މީގެ އިތުރުން ވެސް ބޭންކުގެ މާލީ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ 2024 ވަނަ އަހަރު ބޭންކުން ޓެކުހަށް ކެނޑުމަށް ފަހު ހޯދި 2.25 ބިލިއަން ރުފިޔާގެ ސާފު ފައިދާއަކީ މިހާތަނަށް ލިބުނު އެންމެ ބޮޑު އަދަދު ކަމަށާއި މިއީ ކުރީ އަހަރާ އަޅައިބަލާއިރު 8 އިންސައްތައިގެ ގެ ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.
ޖުމްލަ އެސެޓް ހުރީ 48 ބިލިއަން ރުފިޔާއަށް ވުރެ މަތީގައިކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ ކަސްޓަމަރުންގެ ޑިޕޮސިޓް 32 ބިލިއަން ގައި ހުރިއިރު މިއީ ހުރިހާ ބޭންކެއްގައި ޖަމާކޮށްފައިވާ ޖުމްލަ އަދަދުގެ 58 އިންސައްތަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއާއެކު ބޭންކުގެ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ 58 އިންސައްތައިގައި ހުރިއިރު، މިއީ ގާނޫނީ ގޮތުން ލާޒިމްކުރާ މިންގަނޑަށްވުރެ މަތީ އަދަދެކެވެ.
ޝަރީފު ވިދާޅުވި ގޮތުގައި މިހާރު އެ ބޭންކުގެ މާލީ މުއާމަލާތްތަކުގެ 99 އިންސައްތަ ހިންގަނީ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށެވެ. މިއީ 220 މިލިއަނަށް ވުރެ ގިނަ މުއާމަލާތަށް ވާއިރު، މި މުއާމަލާތްތަކުގެ އަދަދު 540 ބިލިއަނަށް ވުރެ މަތި ކަމަށް އޭނާ ވިދާޅުވި އެވެ.