މާލެ ސަރަހައްދުން މިއަދު މެންދުރު ކުއްލިއަކަށް އެއްކޮށް ކަރަންޓު ކެނޑުނީ މާލެ- ހުޅުމާލެ އެއް ކޭބަލަކުން ކަރަންޓު ދިނުމަށް އަޅާފައިވާ އިންޓަކަނެކްޝަންގެ ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން ސްޓެލްކޯ އިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްމިޝަން އެންޑް ޑިސްޓްރިިބިއުޝަން ޑިޕާޓްމެންޓްގެ ޖެނެރަލް މޭނަޖަރު އިބްރާހިމް ނާޝިދު ވިދާޅުވީ ކަރަންޓު ކެނޑުނީ ހުޅުމާލެ އާއި މާލެ ގުޅުވައިދޭ އިންޓަކަނެކްޝަނަށް ދިމާވި މައްސަލައާ ގުޅިގެން ކަމަށެވެ.

"އިންޓަކަނެކްޝަން ކެނޑުނީ. އޭގެ ސަބަބުން މާލެ ސަރަހައްދުން ކަރަންޓު ކެނޑުނީ،" އޭނާ ވިދާޅުވި އެވެ.

ނާޝިދު ވިދާޅުވީ މާލެ ސަރަހައްދުން ކަރަންޓު ކެނޑުމުގެ ކުރިން ވަރަށް ބައިވަރު އެލާމްތައް އަންނާނެ ކަމަށެވެ. އަދި އެ މައްސަލަ ހޯދޭނީ އެނަޖައިޒްކޮށް ނިންމައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުން މިއަދު ކަރަންޓު ކެނޑުނު މައްސަލައާ ބެހޭ ގޮތުން ސްޓެލްކޯގެ އިސްވެރިން ނޫސްވެރިންނާ ބައްދަލުކުރަނީ. ފޮޓޯ | ހުރިހާ

"ކިރިޔާ ވެސް ބަލައި ހިންގެން ހުރި އިންޖީނުތައް ހިންގަން މިވަނީ ފަށާފައި. މިވަގުތު މެއިންޓަނަންސް އަށް ބޭނުން ނުކުރާ ހުރިހާ ޖަނަރޭޓަރުތައް ބޭނުންކުރަމުން ދަނީ،" ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ- ހުޅުމާލެއާ ދެމެދު އަޅާފައިވާ އެއް ކޭބަލް މިވަގުތު އެނަޖައިޒްކޮށް ހުޅުމާލެ ފޭސް އެކަކަށް ދީފައިވާ ކަމަށެވެ.

"އޭގެ ފަހުން އެކަކުން ދޭކަށް އެނަޖައިޒްކުރާނީ. ގްރިޑް އެއްވެސް ބޮޑު މައްސަލައެއް ނެތް. މިވަގުތު ސްޕެކިއުލޭޓްކޮށް ވާހަކަދައްކަން ބޭނުމެއް ނޫން. މޭޖާ އެއްވެސް ކޮންޕޯނަންޓަށް މައްސަލައެއް ދިމައެއް ނުވޭ،" ނާޝިދު ވިދާޅުވި އެވެ.

ސްޓެލްކޯ އިން ބުނީ ކުރިޔަށް އޮތް 45 މިނެޓެއްހާއިރުގެ ތެރޭގައި ކަރަންޓު ދެވޭތޯ ބަލަމުން އަންނަ ކަމަށެވެ.

"އެކަންތަައްތަކަކީ އަޅުގަނޑުމެން ކިތަންމެ މަސައްކަތް ކުރިޔަސް ބާރަކަށް ގެންދެވޭނެ ކަންތައްތަކެއް ނޫން. ޓާގެޓް ކުރަނީ އިރުއޮއްސެން ވާއިރަށް ކަރަންޓު ދޭން،" ނާޝިދު ވިދާޅުވި އެވެ.