ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ދަރިންނާ ގުޅޭގޮތުން ދެއްކި ކަމަށް ތުހުމަތުކުރެވޭ ވާހަކަތަކާއި ގުޅިގެން، އަބުރު ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލަން ނިންމައިފި އެވެ.

މި މައްސަލައިގައި ސާޖިދާ ދަޢުވާ ކޮށްދިނުމަށް އެދިފައިވަނީ އިދިކޮޅު އެމްޑީޕީއާއި، އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް އަދި އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އަށެވެ.

ސިވިލް ކޯޓުން އެ މައްސަލަ ބެލޭނެ ކަމަށް ކަނޑައަޅާފައި މިވަނީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ނެތް ކަމަށް ބުނެ ތިން ފަރާތުން ވެސް ކޯޓުގައި އިއުތިރާޒު ކުރުމާއި ގުޅިގެންނެވެ.

އެމްޑީޕީ އާއި ފައްޔާޒުގެ ފަރާތުން މައްސަލަ ނުބެލޭނެ ކަމަށް ބުނެފައިވަނީ ދަޢުވާ ލިބުމުގެ ހައިސިއްޔަތު ނެތުމާއި، އަބުރާބެހުމުގެ ޢަމަލެއް ހިންގިކަން ދަޢުވާގައި ސާބިތުކޮށްދީފައި ނުވާތީއެވެ. އަދި މަންދީގެ ފަރާތުން އިއުތިރާޒު ކުރީ އިޖުރާއީ މައްސަލަތަކާއި، ކުޑަކުދިންގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެންނުވާ ކަމަށް ބުނެއެވެ.

ނަމަވެސް، ހުރިހާ އިއުތިރާޒުތަކެއްގައި ވެސް ކޯޓުން ނިންމީ ފަސްޓްލޭޑީ ސާޖިދާއާ އެއްކޮޅަށެވެ. އަދި މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމުމާއެކު، ދަޢުވާލިބޭ ފަރާތްތަކަށް 28 ދުވަހުގެ މުއްދަތެއް ދިފާޢު ހުށަހެޅުމަށް ވަނީ ދީފަ އެވެ.

ފަސްޓްލޭޑީ ސާޖިދާ އަބުރުގެ ދައުވާ ކުރުމަށް ނިންމަވާ ކޯޓަށް ހުށަހަޅުއްވާފައިވަނީ އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި ވޭޕް މަނާކުރުމާ ގުޅޭ ގޮތުން މަންދީ ދެއްކި ވާހަކައަކާ ގުޅިގެންނެވެ.