ދުނިޔޭގެ އެންމެ ހަލަބޮލި އެއާޕޯޓުގެ ގޮތުގައި މަޝްހޫރުވެފައިވާ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓް 2035 ވަނަ އަހަރު ބަންދު ކުރަން ނިންމައިފި އެވެ.

މިދިޔަ އަހަރު އެކަނި ވެސް 92.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ އެ އެއާޕޯޓު ބަންދު ކުރުމަކީ ޔޫއޭއީގެ އިތުރުން މުޅި ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ވެސް އަންނަ ބޮޑު ބަދަލެކެވެ.

މި އިންގިލާބީ ބަދަލުގެ ދަށުން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ އެންމެހާ އޮޕަރޭޝަންތައް ވޯލްޑް ޓްރޭޑް ސެންޓްރަލްގައި ތަރައްގީ ކުރެވިފައިވާ އަލް މަޚްތޫމް އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލު ކުރެވޭނެ އެވެ.

މިއީ 28 ބިލިއަން ޑޮލަރުގެ ތަރައްގީގެ ޕްލޭނެއްގެ ދަށުން ގެނެވޭ ބަދަލަކަށްވާއިރު މި ޕްރޮޖެކްޓަށްފަހު މަޚްތޫމް އެއާޕޯޓުން އަހަރަކު 260 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.

ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަކީ ދުނިޔޭގެ ލޯންގް ހޯލް ވައިގެ ދަތުރުފަތުރުގައި މުހިއްމު ދައުރެއް އަދާކުރާ އެއާޕޯޓެކެވެ. އެއީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއް އެއާލައިން ކަމަށްވާ އެމިރޭޓްސްއާއި ފްލައި ދުބާއީގެ ހަބް އެއާޕޯޓެވެ.

1960 ވަނަ އަހަރު ހުޅުވި ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓުގެ ލަގަބު ހޯދާފަ އެވެ.

އަލް މަޚްތޫމް އެއާޕޯޓަށް ދުބާއީ އެއާޕޯޓުގެ އޮޕަރޭޝަންތައް ބަދަލު ކުރެވޭއިރު އެ އެއާޕޯޓުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ހިދުމަތް ލިބެން ހުންނާނެ އެވެ.