ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތް، އިޒްރޭލުގެ މިނިސްޓަރުންނާ ދެކޮޅަށް އިނގިރޭސިވިލާތާއި ބައެއް ގައުމުތަކުން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން ކުށްވެރިކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު އިނގިރޭސިވިލާތާއި، ކެނެޑާއާއި، ނޯވޭ އާއި، ނިއު ޒީލެންޑް އަދި އޮސްޓްރޭލިއާއިން އިޒްރޭލުގެ މިނިސްޓާ އޮފް ނޭޝަނަލް ސެކިއުރިޓީ ކަމަށްވާ އިތަމަރު ބެން ގްވިރް އާއި މިނިސްޓާ އޮފް ފައިނޭންސް ބެޒަލެލް ސްމޮޓްރިޗް އަށް އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ސަބަބުން އެ ދެމީހުންގެ މިލްކިއްޔާތު ހިފެހެއްޓި ދަތުރުކުރުން މަނާ ވާނެ އެވެ.

މި ފިޔަވަޅު އެޅިކަން ހާމަކޮށް މި 5 ގައުމުގެ ފޮރިން މިނިސްޓަރުން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ދެ ޔަހޫދީ މިނިސްޓަރުން ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް އަރައިގަނެ، ހައްދެއް ނެތް މިންވަރަށް އަނިޔާވެރި ވެފައިވާކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ގަދަކަމުން ފޮނުވާލަން ޖެހޭ ކަމަށާއި، އިޒްރޭލުން އެ ސަރަހައްދަށް ވަޒަންވެރި ވާން ޖެހޭ ކަމަށް ބުނެ ހިތްވަރު ދިނުމަކީ ހައްދުފަހަނައަޅާފައިވާ ނުރައްކާތެރި ވިސްނުމެއް ކަމަށް ވެސް މި ބަޔާނުގައިވެ އެވެ.

މިއާއެކު ޣައްޒާއަށް އެހީ ވެއްދުމަށް ހުރަސް އަޅަމުން ދާތީ އެކަމާ ވެސް މި 5 ގައުމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި ފިޔަވަޅުތަކާ ގުޅިގެން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ސަރުކާރުން މި ފިޔަވަޅުތައް ކުށްވެރި ކުރާ ކަމަށާއި، މި ފިޔަވަޅުތައް އުވާލަން ގޮވާލާކަމަށެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި އޭނާ ބުނީ ޣައްޒާގެ ގަތުލުއާއްމު ހުއްޓާލުމަށް އެމެރިކާއިން އިސްވެ އޮވެ ކުރަމުންދާ މަސައްކަތްތަކަށް ކުރިއެރުމެއް ނުލިބުމެވެ.

ގަތުލުއާއްމާ ގުޅިގެން ޣައްޒާގެ ރައްޔިތުން ބަނޑުހައިހޫނުކަމުގެ ވޭން ތަހައްމަލު ކުރަމުން އަންނައިރު، އެއްވެސް ހުރަހަކާ ނުލާ ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް އިޒްރޭލުގެ މައްޗަށް ބޭރު ދުނިޔެއިން ކުރަމުން އަންނަ ޕްރެޝަރު އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވަމުންނެވެ. އެހެންނަމަވެސް އަދިވެސް އިޒްރޭލުން މިފަދައިން އަމަލުކޮށްފައެއްނުވެ އެވެ.