އީރާނުން އިޒްރޭލަށް ހަމަލާދިނުމަށްޓަކައި އެންމެ ޒަމާނީ ހައިޕަސޮނިކް މިސައިލް ކަމަށްވާ "ފައްތާހު" ބޭނުން ކުރަން ފަށާފައިވާކަމަށް އީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފި އެވެ.
އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާއި ގުޅިގެން އީރާނުން ފަށާފައިވާ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3" ގެ 11 ވަނަ ފިޔަވަހި އަށް ވާސިލު ވެފައިވާއިރު، އީރާނުން ބުނީ އިޒްރޭލުން ފަހުރުވެރިވާ އެމީހުން ދިފާއީ ނިޒާމު ފޫ އަޅުވާލާ ވަރުގަދަ މެސެޖެއް ދީފައިވާނެ ކަމަށެވެ.
އީރާނުން ބުނީ ހަމަލާތަކުގެ އެންމެ ފަހު ފިޔަވައްސަށް ވާސިލުވެފައިވާއިރު، ހަމަލާތަކުގައި ފައްތާހު މިސައިލް ބޭނުން ކުރަން ފެށުމަކީ އިޒްރޭލުގެ "ހިޔާލީ" މިސައިލް ޑިފެންސް ސިސްޓަމް ނިމުމުގެ ފެށުން ކަމަށެވެ.
މި މިސައިލް ހަމަލާތަކާއެކު ހަނގުރާމައިގައި ކުރި ހޯދިފައިވަނީ އީރާނަށް ކަމަށާއި، ސީދާ އަމާޒަށް ވާސިލުކޮށް ފޮނުވާލާ މިސައިލް ތަކުން އިޒްރޭލަށް އެމީހުން ދިފާއުކުރުމުގެ ގާބިލުކަން ގެއްލިފައިވާކަމަށް ވެސް އީރާނުން ވަނީ ބުނެފަ އެވެ.
2023 ވަނަ އަހަރުގެ ޖޫން މަހު އީރާނުން ހާމަކުރި، މަޗް 13 އާއި 15 އާއި ދެމެދުގެ ބާރުމިނުގައި 1،400 އަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ފައްތާހު އަކީ އަމާޒަށް ވާސިލުވާ ގޮތަށް ފަރުމާކޮށްފައިވާ މިސައިލެކެވެ.
އަސްކަރީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ދުނިޔެ އާއި ދުނިޔެއިން ބޭރަށްވެސް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ މި މިސައިލަކީ ދުނިޔޭގައި މިހާތަނަށް އުފައްދާފައިވާ މިސައިލްތައް ހުއްޓުވާ ހުރިހާ ސިސްޓަމެއް ވެސް ފޫއަޅުވާލުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ.
މި މިސައިލް އާއިއެކު އީރާނުން ރޭގައިވެސް ޔަހޫދީންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، އިޒްރޭލުގެ މީޑިއާތަކުން ހަމަލާތައް ފޮރުވަން މަސައްކަތް ކުރި ނަމަވެސް ސޯޝަލް މީޑިއާގައި އާއްމުވަމުންދާ ވީޑިއޯތަކުން ޓެލް އަވީވާއި ހައިފާގެ އިމާރާތްތަކަށް އީރާނުން ހަމަލާދޭ މަންޒަރު ފެނިގެންދެ އެވެ.