ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ކިންގް"އާއެކު އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން ބޮލީވުޑަށް އަންނަން ތައްޔާރުވެއްޖެ އެވެ.
"ކިންގް"ގައި އޭނާގެ ހިއްސާއެއް އޮންނާނެ ކަން އެޑް ޔަގީން ކޮށްދީފައިވަނީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓަކަށް ކުރި ކޮމެންޓެއްގަ އެވެ.
އެޑްގެ އެންމެ ފަހުގެ ލަވައެއް ކަމަށްވާ "ސެފައާ"ގެ ކެމެރާ ފުރަގަހުގެ މަންޒަރުތަކާއެކު ކޮށްފައިވާ އެ ޕޯސްޓުގައި އެޑް ވަނީ އެ ލަވައިގައި ޝާހުރުކް ޚާންގެ ފެނިލުމެއް ގެންނަން ކުރި މަސައްކަތާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
އޭގެ އިތުރުން އޭނާގެ އެ ލަވައިގެ ހިންދީ ވާޝަންއަކާއި ޕަންޖާބީ ވާޝަންއެއްގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެޑް ބުނެފައިވެ އެވެ.
އެގޮތުން ހިންދީ ވާޝަންއަކީ ޝާހްރުކް ޚާން މިހާރު މަސައްކަތް ކުރަމުން އަންނަ ބޮލީވުޑް ފިލްމަކަށް ތައްޔާރުކުރާ ލަވައެއް ކަމަށް އެޑް ފާހަގަކުރި އެވެ. ޕަންޖާބީ ލަވައިގައި އޭނާއާއެކު މަޝްހޫރު ލަވަކިޔުންތެެރިޔާ އަރިޖީތު ސިންހް ވެސް މަސައްކަތް ކުރެ އެވެ.
އިންޑިއާގައި އެޑްގެ މަސައްކަތްތައް އިތުރުވަމުން އަންނައިރު ކުރިއަށް އޮތް ތަނުގައި އޭނާއަށް ބޮލީވުޑުން ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.