ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޓޮމް ކްރޫޒްއާއި ބްރެޑް ޕިޓް ކެމެރާ ކުރިމަތިން އެކުގައި ފެނިދާނެކަމުގެ އިޝާރާތެއް ބްރެޑް ދީފި އެވެ.
އީ އެންޓަޓެއިންމެންޓްއަށް ދިން އިންޓަވިއުއެއްގައި ބްރެޑް ބުނީ ޓޮމްއާއެކު އޭނާ ފިލްމަކުން ފެނުނަސް ފެންނާނީ ޝަރުތެއްގެ މަތިން ކަމަށެވެ. އެގޮތުން ވައިގެ ތެރެއިން ދަތުރުކުރާ މަތިންދާ ބޯޓެއްގައި އެލިގެން އޮވެ ކުޅެންޖެހޭ ފިލްމެއް ނުކުޅޭނެ ކަމަށް ބްރެޑް ސަކަ ގޮތަކަށް ބުންޏެވެ.
އެ ބުނުމުން ބްރެޑް ހާމަކޮށް ދީފައިވަނީ އާއްމުކޮށް ޓޮމް ކްރޫޒު ކުޅޭ ފަދަ އެކްސްޓްރީމް އެކްޝަން ފިލްމެއްގައި އޭނާ ހިއްސާ ނުވާނެ ކަމެވެ.
"ޓޮމްއާއެކު ފިލްމެއް ކުޅެންޏާ ކުޅޭނީ ހަމަ ބިމުގައި ހުރެގެން. އެކަހަލަ ފިލްމެއް އޭނާ ހަދާ ދުވަހަކުން އަހަރެން ފެނިދާނެ،" ބްރެޑް ބުންޏެވެ.
މީގެ ކުރިން ޓޮމްއާއި ބްރެޑް ވަނީ 1994 ވަނަ އަހަރު ރިލީޒްކުރި "އިންޓަވިއު ވިތު ދަ ވެމްޕައާ"ގައި އެކުގައި ފެނިގެން ގޮސްފަ އެވެ.