ޕިރަމިޑް ސްކީމެއް ކަމަށް ފުލުހުން ބުނި ޖެމްކިޔު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ)އިން ފައިސާ ނުނެގޭ ގޮތް ހަދައިފި އެވެ.

40،000 އަށްވުރެ ގިނަ ދިވެހީން އިންވެސްޓްކޮށްފައިވާ މި ސްކީމުން ރެއިން ފެށިގެން ފައިސާ ނުނެގޭ ގޮތްހަދާފައިވާތީ ގިނަ ބަޔަކު އަންނަނީ ޖެމްކިއުގެ ޓެލެގްރާމް ގުރޫޕުގައި ނުރުހުން ފާޅުކުރަމުންނެވެ.

މިގޮތުން އެ މީހުންނަށް ލިބުނު ފައިސާ ޖަމާ ނުވާކަމަށާއި، ޖެމްކިއު ހިންގި މީހުން ފައިސާކޮޅު ހިފައިގެން ފިލާފައިވާކަމަށް ޓެލެގްރާމް ގްރޫޕްގައި ބައެއް މީހުން އަންނަނީ ޝަކުވާ ކުރަމުންނެވެ.

އެ ގްރޫޕުގައި ބައެއް މީހުން އަންނަނީ ޖެމްކިޔުއަށް އިތުބާރުކޮށް ކެތްތެރިވުމަށް ވެސް ގޮވާލަމުންނެވެ.

ސްކީމުގެ ބައިވެރިން ތިބޭ ޓެލެގްރާމް ގްރޫޕަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީން ފޮނުވި ސިޓީއެއްކަމަށް ބުނެ ލާފައިވާއިރު އެތަނުގެ އެކްޓިން ޑިރެކްޓަރެއް ޖޯން ގިބޮންސްގެ ނަމުގައި ފޮނުވި ކަމަށް ބުނާ އެ ސިޓީއަކީ ފޭކު ސިޓީއެއްކަން ވަނީ ހާމަވެފަ އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގައި އެނަން ކިޔާ މީހަކު ވެސް މަސައްކަތްނުކުރާއިރު، މި ފޭކް ސިޓީގައިވާ ގޮތުން ޖެމްކިއުގެ ޓްރާންސެކްޝަންތައް ފޮނުވުމާއި ގުޅޭގޮތުން ރެގިއުލޭޓަރީ ރިވިއުއެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މެއި 1، އިން ޖޫން 15، އަށް ހިންގާފައިވާ ޓްރާންސެކްޝަންތަކުގެ ސްޓޭޓްމަންޓެއް ދިނުމަށް އެދިފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.

އެއާއެކު އެ ގްރޫޕަށް ޖެމްކިޔުގެ ފަރާތުން ލާފައިވާ މެސެޖެއްގައި ބުނީ ފައިސާ ނުނެގޭ ގޮތް ދިމާވީ ޖެމްކިޔުއިން މަނީ ލޯންޑާކުރާ ކަމަށް ޝައްކުކުރެވިގެން ކަމަށްވީ ނަމަވެސް ދެ ދުވަހެއް ތެރޭގައި ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށެވެ.

ދިވެހިންގެ ތެރޭގައިވެސް މަގުބޫލު ޖެމްކިއު ސްކީމް ސްކީމް ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފަ އެވެ.

ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ގުޅިގެން ނެރުނު ނޫސްބަޔާނުގައިވަނީ އެފަދަ ޕިރަމިޑް ސްކީމުތަކުގައި އިންވެސްޓް ނުކުރުމަށް އެދި، އާޓިފިޝަލް އިންޓެލިޖެންސް ފަދަ އެންމެންނަށް ފަަރިތަނޫން ބަސްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ހިންގާ އިންވެސްޓްމެންޓް އެޕްލިކޭޝަންތައް އިންޓަނެޓުގައި ގިނަވަމުންދާ ދުވަސްވަރެއްގައި، ރަނގަޅަށް ދިރާސާނުކޮށް، ބުރަ މަސައްކަތުން ރައްކާކޮށްފައިވާ ފައިސާ އެފަދަ ސްކީމުތަކަށް އިންވެސްޓުކުރުމުން އިއާދަނުކުރެވޭ މާލީ ގެއްލުންތަކާ އެތައް ބަޔަކު ކުރިމަތިލާން ޖެހޭ ކަމަށް ބުނެފަ އެވެ.