ބޮލީވުޑުގެ މަގުބޫލު ޖޯޑު އާލިއާ ބަޓާއި ރަންވީރު ކަޕޫރު އެމީހުންގެ ދަރިފުޅު ރަހާއަށް 15 އަހަރު ފުރޭ ދުވަހު ދިނުމަށް ތައްޔާރުކުރަމުން އަންނަ ހަދިޔާއާ ބެހޭގޮތުން އާލިއާ ވާހަކަދައްކައިފި އެވެ.

އެ ދެމަފިރިންނަށް ރަހާ ލިބުމާއެކު، ގިނަ ބައެއްގެ ސަމާލުކަން ދަރިފުޅު ރަހާއަށް ވެސް ލިބިފައިވެ އެވެ. އެގޮތުން މިހާރު ވައިރަލް ވެފައިވާ ތަންކޮޅެއް ކުރީގެ ވީޑިއޯއެއްގައި އާލިއާ ވަނީ މި ހަދިޔާގެ ވާހަކަ ދައްކާފަ އެވެ.

އެ ވީޑިއޯގައި އާލިއާ ވަނީ އޭނާ މަންމައަކަށް ވުމަށްފަހު ކުރެވޭ ތަޖުރިބާތަކާއި އޭޑީއެޗްޑީ އަދި އެންޒައިޓީއާ ގުޅޭގޮތުން ވާހަކަދައްކާފަ އެވެ.

ވީޑިއޯގައި އާލިއާ ބުނީ ރަހާ އުފަންވި ފަހުން ކޮންމެ މަހަކު ވެސް ރަހާއަށް އީމެއިލްއެއް ކުރާ ކަމަށެވެ. އީމެއިލްގައި އެދުވަސްތަކުގައި ހިނގި މުހިއްމު ކަންކަމުގެ ވާހަކައާއި އޭނާގެ ހިތުގައި ދަރިފުޅަށް އޮތް ލޯތްބާއި އިހުސާސްތައް އަދި ފޮޓޯއާއި ވީޑިއޯ ވެސް ހިމަނާކަމަށް އާލިއާ ބުނެފައިވެ އެވެ.

އާލިއާ ބުނީ އެއީ ލައިވް މެމޮރީ ފޮތެއް ފަދަ އެއްޗެއް ކަމަށެވެ. ރަހާއަށް 15 އަހަރު ފުރުމުން އެ ހަދިޔާ ދޭން ވިސްނާ ކަމަށް އާލިއާ ބުންޏެވެ.

އާލިއާގެ މައިވަންތަކަމުގެ ލޯބި ބަޔާންކޮށްދޭ މި މަސައްކަތައް ގިނަ ބައެއްގެ ތައުރީފާއި ލޯބި ދަނީ ލިބެމުންނެވެ. އާލިއާގެ ބައެއް ފޭނުން ވަނީ އޭނާއަށް ތައުރީފްކޮށް އެކި ޕޯސްޓްތައް ކޮށްފަ އެވެ.