ސުލްހަގާއިމުކުރުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރާ ފަރާތްތަކަށްދޭ ނޮބެލް ސުލްހައިގެ އިނާމަށް ޕާކިސްތާނުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން ހުށަހަޅަން ނިންމާފައިވާކަމަށް އެގައުމުން ހާމަކޮށްފި އެވެ.

ޕާކިސްތާނުގެ ސަރުކާރުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ނޮބެލް ސުލްހައިގެ އިނާމު ޓްރަމްޕަށް ހައްގުކަމަށް ގަބޫލުކުރަނީ ދާދި ފަހުން އިންޑިއާ އާއި ޕާސްކިތާނާ ދެމެދު ހިންގާދިޔަ ހަމަނުޖެހުންތައް ހުއްޓުވުމުގައި އޭނާ އަދާކުރި ރޯލުގެ ސަބަބުން ކަމަށެވެ.

ޕާކިސްތާނުން މިފަދައިން ބުނި ނަމަވެސް އިންޑިއާއިން އަންނަނީ މި މައްސަލަ ހައްލުކުރުމުގައި އެމެރިކާގެ ބައިވެރިވުން އޮތްކަމާ މެދު ދެކޮޅުހަދާ، ތިން ވަނަ ގައުމެއްގެ ބައިވެރިވުން ބޭނުންނުވާކަމަށް ބުނަމުންނެވެ.

މިއަހަރުގެ އޮކްޓޫބަރު މަހު އޮތް ނޮބެލް ސުލްހައިގެ އިނާމު ލިބެން ޖެހޭކަމަށް އެތައް ފަހަރަކު ވަކާލާތުކޮށްފައިވާ ޓްރަމްޕް، މިދިޔަ މޭ މަހު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި ހަމަނުޖެހުން ހުއްޓާލިކަން އިއުލާނުކުރީ ކުއްލި އަކަށެވެ.

މިއީ އެމެރިކާ މެދުވެރިވެގެން ހާސިލު ކުރި ކަމެއްކަމަށާއި، މިކަން ކުރީ އެދެގައުމާ އެކު އެމެރިކާއިން ކުރާ ވިޔަފާރިތަކަށް އަސަރުކޮށްފާނެތީ ކަމަށް ވެސް އޭރު ޓްރަމްޕް ވަނީ ބުނެފަ އެވެ.

މި އިނާމަށް ޓްރަމްޕް ގެ ނަން އިއުލާނު ކުރުމާ އެކު ބޮޑެތި ފާޑުކިޔުންތަކެއް ޕާކިސްތާނުގެ ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. މިގޮތުން އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމަށް ވާގިވެރިވާ އަދި ދާދިފަހުން އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަށް ސާބަސް ދިން މީހެއްގެ ނަން މި އިނާމަށް ހުށަހެޅުމަކީ ގައުމުގެ އިއްޒަތް ގެއްލޭ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.