ރަމަޝާން މަސް އައިސް އަތުގަ ހިފައިފި އެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ރޯދަމަހަށް ހަނދުބަލަން ދެން އޮތީ ކުޑަ ދުވަސްކޮޅެކެވެ.
އަހަރުގެ މި ހާހިސާބަށް އަންނައިރު މާލޭގެ މަގުމަތި އިހުނަށްވުރެ ހަލަބޮލިވެ އެވެ. ފިހާރަތައް ފުރެ އެވެ. ބާޒާރުމަތިން ކޮޅުކޮޅު މައްޗަށް ހިނގާ މީހުން ގިނަވެ އެވެ.
ހައްތާވެސް ރޯދައަށް ވާ ތައްޔާރީ ތަކެވެ. ގޭގެ ފަރުނީޗަރުން ފެށިގެން ހިފާގެންގުޅޭ ސާމާނަށް ދަންދެން އާކުރެ އެވެ. ބަދިގެ އަށް ކާޑުގެ ބާވަތްތަކާއި އެހެނިހެން ކާބޯތަކެތި ގަނޑުކޮށް ހޯދަ އެވެ. މިއީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އާދަ އެކެވެ. ރޯދަ ބާޒާރަކީ ކޮންމެ ގޭބިސީ އަކުން ވެސް ރޭވިގެން ކުރަމުން އަންނަ ކަމެކެވެ.
މިއީ އެއްވެސް ހާލެއްގައި ގޯސް ކަމެއް ނޫނެވެ. ނަމަވެސް ވިސްނާލަން ޖެހޭ ކަމަކީ މި ކަންކަމުގައި އިސްރާފު ކުރުމުން ދުރުހެލި ވުމެވެ. ބޭނުން ނުުކުރާ ސާމާނު އެއްލާލުމުގެ ބަދަލުގައި ބޭނުންޖެހިފައިވާ ފަރާތަކަށް ހަދިޔާކުރުން ކިހިނެއް ވާނެ ހެއްޔެވެ؟ އެގޮތުގެ މަތިން ރޯދަ ބާޒާރުގެ އުފާ ދެގުނަ ވާނެއެވެ. ލިބޭ ހިތްހަމަ ޖެހުން އިތުރު ވާނެއެވެ.
މިއަހަރުގެ ރޯދަމަސް ފެށެން ދެދުވަހަށް ވެފައިވާއިރު ތިޔަ ފަރާތުގެ ރޯދަ ބާޒާރު ނިމިއްޖެ ހެއްޔެވެ؟