ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެށި ކާގޯ ފެރީން ކާއްޓާއި ރޯނާއި ހިކި މަސް ފަދަ ތަކެތި އެކްސްޕޯޓް ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް ފަށައި ރާއްޖެ އަންނަ ފުރަތަމަ ފެރީ ޓުޓިކޮރިން ބަނދަރުން ވަނީ ފުރައިފަ އެވެ. ޓޫޓިކޮރިން އަދި ކޮޗިން އިން މުދާ ހިފައިގެން ރާއްޖެ އަންނަ މި ކާގޯ ފެރީ ފުރަތަމަ ބަނދަރުކުރާނީ ހދ. ކުޅުދުއްފުއްޓަށެވެ. އޭގެ ފަހުގައި، މާލޭގައި ބަނދަރު ކުރުމަށް ފަހު، އެނބުރި އަނެއްކާ ވެސް އިންޑިއާ އަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

"އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ ކާގޯ ފެރީއަކީ 380 ކޮންޓެއިނަރު، އަދި 3،000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ. އަދި އެ ފެރީގެ ދިގު މިނުގައި 117 މީޓަރު ހުންނާނެއެވެ.

ރާއީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ކޮޗިން ފެރީއަކީ" އެކްސްޕޯޓަށް ހުޅުވުނު ދޮރެއް ކަމަށެވެ.

އެގޮތުން ކާށި، ރޯނު، ފަން، ބޮލި، ލޮނުމަސް، ހިކިމަސް، ރަށުގައި އުފައްދާ ކާތަކެތި (ކާޖާ) ޕެކެޓް ކޮށްފައި އަދި ބާ ދަގަނޑު އެކްސްޕޯޓް ކުރުމުގެ ފުރުސަތު ދިވެހިންނަށް އޮންނާނެ ކަން ރާއީގެ ޓުވީޓުގައި ފާހަގަ ކުރެއްވި އެވެ.

އޭގެ ފަހުގައި ރާއީ ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ޓެގް ކުރައްވައި އެ ބޭފުޅުންނަށް ޝުކުރު ދަންނަވައިފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ބުނެފައި ވަނީ އިންޑިއާއި ރާއްޖެއާ ދެމެދު ފަށާ ކާގޯ ފެރީގެ ޚިދުމަތަކީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ފަހި ގޮތްކެއް ހޯދައިދިނުމާއި ރާއްޖެއިން ބޭރަށް ދިވެހި އުފެއްދުންތައް ފޮނުވައިގެން މަންފާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ފަށާ މަޝްރޫއެއް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ ބޯޓުގެ ކޮންމެ ދަތުރުތަކަށް 10 ނުވަތަ 12 ދުވަސް ހޭދަވާނެ ކަމަށެވެ. މި ފެރީ ބޯޓުން ފިނުކުރި މުދާ އުފުލޭނެ އިންތިޒާމް ވެސް ހަމަޖެހިފައިވާ ކަމަށް ވެސް ޓްރާންސްޕޯޓުން ބުންޏެވެ. މި ފެރީ މަހަކު ދެ ފަހަރު ރާއްޖެ އަންނާނެ ކަމަށްވެ އެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ބުނީ ކާގޯފެރީ ޚިދުމަތް ފަށާއިރު އިންޑިއާ ސަރުކާރުން ސަބްސިޑައިޒްކޮށް، ތިން މިލިއަން ޑޮލަރު ޚަރަދު ކުރަން ނިންމާފައިވާ ކަމަށެވެ.