ކާފަ، ޕްރިންސް ފިލިޕްގެ ޖަނާޒާގައި ބައިވެރި ވުމަށް އިނގިރޭސި ވިލާތަށް ދިއުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ޕްރިންސް ހެރީ ކުރާނެ ކަމަށް ޝާހީ އާއިލާ ދިރާސާ ކުރާ ލިޔުންތެރިއެއް ކަމަށްވާ އޮމިޑް ސްކޯބީ ބުނެފި އެވެ.
ޕްރިންސް ހެރީއާއި ޕްރިންސް ފިލިޕްގެ ގާތް ގުޅުމަށް އަލި އަޅުވާލަމުން އޭނާ ބުނީ ޕްރިންސް ހެރީއަށް މިއީ އުނދަގޫ ވަގުތެއް ކަމަށާއި ކޮވިޑް 19 އާއި ގުޅިގެން މިހިތާމައިގައި ބައިވެރި ވުމަށް އިތުރު ދަތިތަކެއް ޕްރިންސް ހެރީ އަށް ކުރިމަތި ވާނެ ކަމަށެވެ.
މިދިޔަ އަހަރު ޝާހީ ޒިންމާތައް ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލުކުރި ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް މިހާރު ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ކެލިފޯނިއާގަ އެވެ. ޝާހީ އާއިލާއާ ދުރަށް ދިއުމުގެ ސަބަބެއް ކަމުގައި އޭރު ޕްރިންސް ހެރީ ބުނެފައިވަނީ މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް އަމިއްލަ ފައި މައްޗަށް ތެދުވުން ކަމުގަ އެވެ. ނަމަވެސް އޭރުވެސް ޝާހީ އާއިލާގެ މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުޅޭކަމުގެ އަޑުތައް ވަނީ އަރާފަ އެވެ.
ދާދި ފަހުން ދަ އޮޕްރާހް ޝޯ ގައި ވާހަކަ ދައްކަމުން މޭގަން ބުނެފައިވަނީ ޝާހީ އާއިލާގައި އޭނާ އަށް ތަފާތު ކުރުން ތަކާއި އެނޫންވެސް ގިނަ ގޮން ޖެހުން ތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި ޝާހީ އާއިލާގެ އެހެން މެމްބަރުންނާ ރަނގަޅު ގުޅުމެއް ނޯންނަ ކަމަށާއި ގަނޑުވަރުގައި އޭނާ އުޅުނީ ހިތްދަތި ދުވަސްތަކެއް ކަމަށް މޭގަން ވަނީ ބުނެފައެވެ.
ހަމަ އެ ޝޯ ގައި ވާހަކަ ދައްކަމުން ޕްރިންސް ހެރީ ބުނީ ޝާހީ އާއިލާއާ ދަރަށް ދާން ޖެހުނީ މާޒީ ތަކުރާރު ވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށާއި މަންމަ ޑައާނާ އަށް ލިބުނު އަނިޔާ މޭގަން އަށް ލިބުން ނޭދޭ ކަމަށެވެ.
ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި އަވަހާރަވި ޕްރިންސް ފިލިޕްގެ ޖަނާޒާއަށް ޕްރިންސް ހެރީ އިނގިރޭސި ވިލާތަށް ގޮސްފިނަމަ އެވާނީ ޝާހީ އާއިލާއާ ދުރަށް ދިޔަ ފަހުން އޭނާ އިނގިރޭސި ވިލާތަށް ދާ ފުރަތަމަ ފަހަރަށެވެ.
މިކަމުގައި ޕްރިންސް ހެރީގެ ފަރާތުން ރަސްމީ ބަހެއް މިހާތަނަށް ލިބިފައި ނުވާއިރު ޖަނާޒާގައި ބައިވެރިވާނަމަ މޭގަން އެކުގައި ދާނެކަމެއް ނުވަތަ ނުދާނެ ކަމެއް އަދި އޮތީ ނޭނގި އެވެ.