ރ. ފައިނުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި 2 ކުދިން ވެންޓިލޭޓަރުން ނަގާ އައިސީޔޫ އަށް ބަދަލުކޮށްފި އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ލައިސަންސް ނެތް ކުޑަކުއްޖަކު ދުއްވި ސައިކަލެއް ފައިނު ސްކޫލުގެ ޕްރިންސިޕަލް އަދި ޓީޗަރެއްގެ ގައިގައި ޖެހުމާ ގުޅިގެންނެވެ. މިހާދިސާގައި ސައިކަލު ދުއްވި 16 އަހަރުގެ ކުޑަކުއްޖާގެ ފަހަތުގައި އިން 14 އަހަރުގެ ކުޑަކުއްޖާ އަށް ވެސް ވަނީ އަނިޔާވެފަ އެވެ.
ސައިކަލުގެ ފަހަތުގައި އިން އެ ސްކޫލުގެ ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ 14 އަހަރުގެ ކުއްޖާގެ އިތުރުން ގްރޭޑް 10 މި އަހަރު ނިންމި 16 އަހަރުގެ ކުއްޖާ އަށް ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު އައިސީޔޫއަށް ބަދަލުކޮށްފައިވާއިރު، މި ދެކުދިންގެ އިތުރުން އެކްސިޑެންޓް ގައި އަނިޔާވި އެރަށު ސްކޫލްގައި އިސްލާމް މާއްދާ ކިޔަވައިދެމުން އަންނަ 49 އަހަރުގެ ޓީޗަރަށް އަދިވެސް ފަރުވާ ދެނީ ވެންޓިލޭޓަރުގަ އެވެ.
އެކްސިޑެންޓް ގައި އަނިޔާވި ޕްރިންސިޕަލަށް އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު، އެކްސިޑެންޓް ހިނގާފައިވަނީ ޕްރިންސިޕަލާއި ޓީޗަރު ކަސްރަތަށް ނިކުމެ އުޅެނިކޮށް، ދެ ކުދިން ތިބި ސައިކަލުން އައިސް އެމީހުން ގައިގައި ޖެހިގެންނެވެ.