ކުރީ ސަރުކާރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާއި ހަވާލުކޮށްގެން އިމާރާތްކުރި 4000 ފުލެޓް ހަވާލުކުރުން ލަސްވަމުންދާތީ، މިއަދުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ ރިޔާސަތުން ބޭރުކޮށްލީ އެއީ ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަކާ ގުޅޭ މައްސަލައަކަށް ނުވާތީ ކަމަށް ބުނެ އެވެ.
ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ 4000 ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި މީހުންގެ އަތުން އެ ފްލެޓުތައް އަތުނުލާނެ ކަމަށް ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕޭނުގައި ވިދާޅުވި ނަމަވެސް ވެރިކަމަަށް ވަޑައިގަތުމަށްފަހު އެކިއެކި ސަބަބުތައް ދައްކައި ފްލެޓުތަކުގެ ހައްގުވެރިންނަށް ފްލެޓުތައް ހަވާލު ކޮށްފައި ނުވާކަމަށެވެ.
އިމާރާތް ކޮށްފައިވާ 4000 ފުލެޓް ލިބޭ ފަރާތްތަކާއިއެކު، މި ފެށޭ ޖުލައި މަހުގައި އެއްބަސްވުމުގައި ސޮއި ކޮށް ފުލެޓް ހަވާލު ކުރާނެކަމަށް މީގެކުރިން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބް ވިދާޅުވިކަން ފާހަގަކޮށް ކުޑޫ ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނީ ފްލެޓް ހަވާލުކުރުމުގެ އެއްވެސް މަސައްކަތެއް މިއަދާ ހަމައަށްވެސް ސަރުކާރުން ކުރިއަށް ގެންގޮސްފައި ނުވާތީ އެ ފްލެޓްތައް ލިބޭ މީހުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
މެއި 25 ގައި މި ސަރުކާރުން ނިންމި ނިންމުމުން، މިދިޔަ ސަރުކާރުން އާންމުކުރި ފްލެޓު ލިސްޓުގައި މައްސަލައެއް ނެތްކަން ރައްޔިތުންނަށް އެނގި ހާމަވެފައިވާ ކަމަށާއި، ފްލެޓް ހަވާލުކުރުން އިތުރަށް ލަސްކުރަމުންދާނަމަ އެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ނިކަމެތިވެ އިޖުތިމާއީ މައްސަލަތައް އިތުރުވަމުން ދިޔުމުގެ ނުރައްކާ އޮތް ކަމަށް ކުޑޫ ވަނީ ވިދާޅުވެފަ އެވެ.