މި ސަރުކާރުން މަސައްކަތްކުރަމުން ދަނީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ ރޭގައި އޮތް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ނިމުމަކާ ހިސާބަށް ގޮސްފައިވަނީ އިންޑިއާ ސަރުކާރުން ވަރަށް ބޮޑަށް އެހީވެގެން ކަމަށާއި، މިއީ ދިވެހި ސަރުކާރުން ވިއްކާލަން ނިންމާ ތަންތަނުގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށެވެ.

މިގޮތުން ދާދި ފަހުން ރައީސް މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އަދާނީ ގުރޫޕްގެ ޗެއާމަން ގޯތަމް އަދާނީ އާ ބައްދަލުކުރެއްވި ކަމަށާއި، ހަނިމާދޫ އެއާޕޯޓް ވިއްކާލަން މަސައްކަތް ކުރަނީ އަދާނީ ގްރޫޕަށް ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވިއްޔާ މިފަހަރު މި ބައްދަލުކުރި މީހުންގެ ތެރޭގައި ސިންގަޕޫރުގައި ބައްދަލުކުރި މީހުންގެ ތެރޭގައި އަދާނީ ގުރޫޕްގެ ޗެއާމަންއާ ބައްދަލުކުރި،" ރައީސް ޔާމީން ވިދާޅުވި އެވެ.

އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިޔަށް ގެންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު މިއަހަރުގެ ސެޕްޓެމްބަރު މަހަށް ނިމޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މި މަޝްރޫއުގެ ތެރެއިން ރަންވޭގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށާއި، މުޅި މަޝްރޫއުގެ 88.7 ޕަސެންޓު ނިމިފައިވާ ކަމަށެވެ. އަދި އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލުގެ 83 ޕަސެންޓު މަސައްކަތް ނިމިފައިވާކަމަށާއު، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ހޭންގަރާއި ކާގޯ ބިލްޑިންގެ 96 ޕަސެންޓުވެސް ނިމިފައިވާ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.