މުދައްރިސަކު އޭނާގެ ދަރިވަރުންނަށް އިބުރަތްތެރި ފިލާވަޅެއް ދޭން ގަސްދު ކުރިއެވެ. ކޮންމެ ދަރިވަރަކުވެސް އަލުވި ކޮތަޅެއް ގެނައުމަށް މުދައްރިސް އިރުޝާދު ދިނެވެ. އެ ދަރިވރަކު ނަފުރަތު ކުރާ މީހުންގެ އަދަދަށް އަލުވި ލައިގެންނެވެ. އެގޮތުގެ މަތިން ކޮންމެ ދަރިވަރަކު ވެސް ޖެހިގެން އައި ދުވަހު އައީ އަލުވި ކޮތަޅެއް ހިފައިގެންނެވެ. ބައެއް ދަރިވަރުންގެ ކޮތަޅުގައި ދެތިން އަލުވި އޮތްއިރު އަނެއްބައި ދަރިވަރުންގެ ކޮތަޅުގައި އެއަށްވުރެ ވެސް ގިނައިން އަލުވި ހުއްޓެވެ.

ހުރިހާ ކުދިން ހަމަވުމުން މުދައްރިސް ވިދާޅުވި އެވެ. "ކުރިއަށް އޮތް ހަފްތާގައި ތިޔަ ކުދިން ދާ ކޮންމެ ތާކަށް ތިޔަ ކޮތަޅު ހިފައިގެން ދާށެވެ." މުދައްރިސްގެ މި އިރުޝާދާއެކު ހުރިހާ ކުދިންގެ ވެސް ހިތުގައި ސުވާލު އުފެދުނެވެ. އެކަހަލަ ކަމެއް ކުރަން މުދައްރިސް ވިދާޅުވާނީ ކީއްކުރަން ހެއްޔެވެ؟

ކޮންމެއަކަސް މި ސުވާލުތަކާއެކު މުދައްރިސްގެ އިރުޝާދުގެ މަތިން ދަރިވަރުން ކަންތައް ކުރަމުން ދިޔަ އެވެ. ދާ ކޮންމެ ތާކަށް އަލުވި ކޮތަޅުވެސް ހިފައިގެން ދިޔަ އެވެ. އިސާހިތަކު އަލުވިތައް ކުނިވެ އޭގެން ނުބައި ވަސް ދުވަން ފަށައިފި އެވެ. އަދި ހަމަ އެހެންމެ އަލުވި ގިނައިން ހުރި ދަރިވަރުންނަށް ބަރުވެ އުނދަގޫ ވާން ފެށި އެވެ. މިގޮތުގައި ހަފްތާއެއް ވޭތުވެ ދިއުމުން މުދައްރިސް ހުރިހާ ކުދިން އެއްކޮށް އެ ހަފްތާގެ ތަޖުރިބާ ކިހިނެއްތޯ ސުވާލު ކުރި އެވެ.

ހުރިހާ ކުދިން ވެސް ކުރީ އެއް ޝަކުވާއެކެވެ. ހަފްތާއެއް ވަންދެން ކުނި އަލުވި ކޮތަޅެއް ގެންގުޅެން ޖެހުމުން ކުރިމަތިވި އުނދަގޫތަކުގެ ވާހަކަ އެވެ. ދަރިވަރުންގެ ވާހަކަތައް އައްސަވައި މުދައްރިސް ވިދާޅުވި އެވެ.

"ތިޔަ ކުދިންގެ ހިތުގައިވާ ނަފުރަތު މި އަލުވި ކޮތަޅުތައް ފަދަ އެވެ. ގިނަ ދުވަސް ވާރަކަށް ނަފުރަތު ހިތިވެ އޭގެ ނުބައި އަސަރު ތިޔަ ކުދިންގެ ރޫޙަށް ކުރެ އެވެ. ނަފުރަތުކުރާ މީހުން ގިނަވި ވަރަކަށް އަލުވި ކޮތަޅު ބަރުވި ފަދައިން ހިތްތައް ވެސް ބަރުވެ ލަކުނު ހެދެ އެވެ. ވީމާ ކުނި އަލުވި ކޮތަޅެއް ތިބާއާއެކު ހަފްތާއެއް ވަންދެން ގެންގުޅެން އެހާ ދަތިވިއިރު އުމުރު ދުވަހު ނަފުރަތު ހިތުލައިގެން އުޅެވޭނީ ކިހިނެއް ހެއްޔެވެ؟

"އަޚުންނާއި އުޚްތުންނޭވެ! މަޢާފު ކުރަން ދަސްކުރާށެވެ. ކޮންމެ ރެއަކު ވެސް ސާފު ހިތަކާއެކު ނިދަން އާދަ ކުރާށެވެ. އެހެނީ ނަފުރަތަކީ ނަފުސުގެ ހަލާކެވެ.