ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަމުން ދަނިކޮށް، މިދިޔަ ބުރާސްފަތު ދުވަހު ގެއްލުނު މީހާ ދަތުރުކުރި ޑިންގީ ކަނޑު އަޑިން ފެނިއްޖެ އެވެ.

ކުޑަ ޑިންގީއެއްގައި ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނީ އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދު އެވެ.

އޭނާ ހޯދުމަށް ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނައިރު، މިއަދު އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި ގދ.ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން އޭނާ ދަތުރުކުރި ޑިންގީ ފެނިފައިވާކަމަށެވެ.

އެމްއެންޑީފުން ބުނި ގޮތުގައި މިޑައިވް ކޮށްފައިވަނީ އެމްއެންޑީއެފާއި ފުލުހުން ގުޅިގެންނެވެ.

ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ފެނުނު ނަމަވެސް މީހާ ނުފެންނަކަމަށް ގައްދޫ ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި ޒަކަރިއްޔާގެ އެއްވެސް މައުލޫމާތެއް ލިބިލައްވާނަމަ، 7791755 ނުވަތަ 7211233 އަށް ގުޅުމަށް އެ ކައުންސިލުން އެދެ އެވެ.