ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން އައްޔަންކުރާ މެންބަރެއްގެ ގޮތުގައި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާގެ ކުރީގެ ފިރިކަލުން، އިދްރީސް ފައުޒީ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުން ކުރި އިއުލާނާ ގުޅިގެން ޖޭއެސްސީގެ މެންބަރަކަށް ވުމަށް އެދި ހުށަހެޅި 8 މީހުންގެ ތެރެއިން ހަ މީހަކާ އިންޓަވިއު ކުރިއިރު، އެ މީހުންގެ ތެރެއިން 75 އަށް ވުރެ ގިނަ މާކްސް ހޯދި ހަތަރު މީހެއްގެ ނަން މަޖިލީހުގެ ތަޅުމަށް ޖުޑީޝަރީ ކޮމިޓީއިން ފޮނުވި އެވެ.
މީގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅު، ސައުދާގެ ކުރީގެ ފިރިކަލުންނަށް ދީފައިވަނީ 81 މާކުހެވެ.
މިއާއެކު މިއަދު ތަޅުމުގައި ނެގި ވޯޓުގައި 62 މެންބަރުން އޭނާ އައްޔަނު ކުރަން ފެންނަ ކަމަށް ވޯޓު ދެއްވި އެވެ. އޭނާ އައްޔަނު ކުރުމާ ދެކޮޅަށް އެއް މެންބަރަކު ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި، ފައުޒީ ފުރަތަމަ ވަޒީފާ އަދާކުރީ ކަލައިދޫ ޓީޗަރެއްގެ ގޮތުގަ އެވެ. އެއަށް ފަހު ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު މާލެ ބަދަލުވެ، ހައުސިން މިނިސްޓްރީގެ މަގާމެއް އަދާކުރި އެވެ. މިހާރު ފައުޒީ އަކީ ކަލައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ.