ރާއްޖޭގެ އިސްލާމީ ކުތުބުހާނާތަކަށް ބޭނުންވާ ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މީގެތެރޭގައި ސަލްމާން މިސްކިތުގައި ހުޅުވި ލައިބްރަރީ އަދި އަތޮޅުތަކުގެ އިސްލާމީ މަރުކަޒުތަކުގައި ހަދާ ލައިބްރަރީތައް ހިމެނޭއިރު، އިސްލާމިކް މިނިސްޓްރީން ބުނީ ކިންގް ސަލްމާން މިސްކިތުގައި ގާއިމުކޮށްފަވާ އިސްލާމީ ކުތުބުހާނާއަށް ބޭނުންވާ އިސްލާމިކް ފައިނޭންސްގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ފޮތްތައް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެބައޮތް ކަމަށެވެ.

އެހެންކަމުން ފޮތް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ހަދިޔާ ކުރާ ފޮތުގެ މައުލޫމާތު ލައިބްރަރީއަށް މެއިލްކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މިނިސްޓްރީން ބުނީ މެއިލްކުރާނީ [email protected] އަށް ކަމަށާއި، ފޮތް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް ފޮތް ހަދިޔާ ކުރެވޭނެ އިންތިޒާމު މިނިސްޓްރީގެ ފަރާތުން ހަމަޖައްސާނެކަމަށެވެ.

މީގެ އިތުރުންވެސް ރ.އުނގޫފާރު އިސްލާމިކް ސެންޓަރާއި، ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރާއި، ހއ. ދިއްދޫ އިސްލާމިކް ސެންޓަރު އަދި ފުވައްމުލަކު ސިޓީ ޤުރްއާން ސެންޓަރުގައި ގާއިމުކުރާ ލައިބްރަރީތަކަށް ބޭނުންވާ ފޮތް ހޯދަން މިނިސްޓްރީން އިއުލާނުކޮށްފައިވާއިރު، ފޮތްތައް ވިއްކަން ބޭނުންވާ ފަރާތްތަކުން ފޮތްތަކުގެ ނަންތަކާއި އަގުތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށައަޅައިގެން އެކަން ކުރިއަށްގެންދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޖުލައި 22 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް އެދި ރެޖިސްޓާ ކުރަން ވަނީ ހުޅުވާލާފަ އެވެ.