މަޝްހޫރު ބޭންޑް، ކޯލްޑް ޕްލޭއިން ޖިލެޓް ސްޓޭޑިއަމްގައި ބޭއްވި ކޮންސާޓެއްގައި އެމެރިކާގެ ބޮޑު ޓެކް ކުންފުންޏެއް ކަމަށްވާ އެސްޓްރޮނޮމާ ގެ ސީއީއޯ، އޭންޑީ ބައިރަން ގެ ސިއްރު ލޯބީގެ ގުޅުން ފަޅާ އެރުމުން އޭނާ މަގާމުން އިސްތިއުފާ ދީފި އެވެ.

އެ ކުންފުނީގެ ހިއުމަން ރިސޯސް ގެ ވެރިޔާ ކްރިސްޓިން ކަބޮޓް އާ ގައިގޯޅިވެގެން ހުއްޓާ ފެނިފައިވަނީ ކޯލްޑްޕްލޭ ގެ ކޮންސާޓްތަކުގައި ދައްކާ ޖަންބޮޓްރޮން ސްކްރީނުންނެވެ.

ކޯލްޑްޕްލޭއިން އެ ބޭންޑުގެ "ދި ޖަމްބޮޓްރޮން ސޯންގް" ކުޅެމުން ދިޔަ ވަގުތު ކެމެރާ އެ ދެމީހުންނަށް އަމާޒުވުމާއެކު ދެމީހުން ވަނީ އެމީހުންގެ މޫނު ފޮރުވަން މަސައްކަތްކޮށްފަ އެވެ. އަދި ސީއީއޯ ވަގުތުން ތިރިވާ މަންޒަރުވެސް އެ ކެމެރާއަށް އަރަ އެވެ. އަންހެންމީހާ މޫނުގައި އަތް އަޅާ ފަހަތަށް އެނބުރޭތަން ވެސް ފެނެ އެވެ.

އެއާއެކު ކޯލްޑްޕްލޭގެ މެންބަރު ކްރިސް މާޓިން ވަނީ ސަމާސާ ރާގެއްގައި އެމީހުން ސިއްރު ލޯބީގެ ގުޅުމެއް އޮންނަނީ ކަމަށާއި، ނޫނީ އެމީހުން ލަދު ގަންނަނީ ކަމަށް ބުނެފަ އެވެ.

މި ދެމީހުންނަކީ ކައިވެނިކޮށްގެން ތިބި ދެ މީހުންކަމަށްވާއިރު، މަންޒަރުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވައިގައި ހިފިއިރު، ގިނަ ބަޔަކު އަންނަނީ އެކަމަށް ޖޯކު ޖަހާ މީމްސް ހަދަމުންނެވެ.

މިކަމާ ގުޅިގެން އެ ކުންފުނިން އޭނާ ސަސްޕެންޑް ވެސް ކުރިއިރު، އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ބައިރަން އިސްތިއުފާ ދީ އެކަމުގެ ލިޔުން ހުށަހަޅާފައިވާކަމަށެވެ. އަދި މި އިސްތިއުފާ ގަބޫލުކޮށްފައިވާކަމަށާއި، އެ ކުންފުންޏަށް އާ ސީއީއޯއެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެސްޓްރޮނޮމާއިން ބުނެ އެވެ.

މިހާރު އެކުންފުނީގެ ވަގުތީ ސީއީއޯގެ މަގާމު އަދާކުރަމުން ދަނީ އެ ކުންފުނީގެ ކޯފައުންޑާ އަދި ޗީފް ޕްރޮޑަކްޓް އޮފިސާ ޕީޓް ޑިޖޯއީ އެވެ.