މިނިއަޕޮލިސް (12 އޭޕްރީލް)- އެމެރިކާގެ މިނިއަޕޮލިސް ކިޔުނު ސަރަހައްދުގައި އަނެއްކާވެސް ކަޅު ނަސްލުގެ މީހެއްގެ މަރާއެކު ހަމަނުޖެހުންތަކެއް ހިންގަން ފަށައިފި އެވެ.
ކާރެއްގައި ދުއްވާފައި ދިޔަ 20 އަހަރުގެ ޒުވާނާގެ ގަޔަށް ފުލުހުން ބަޑިޖަހާ މަރާލާފައިވަނީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ތުހުމަތުގައި ހުއްޓުވުމަށް ފަހުގަ އެވެ.
ނަސްލީ ތަފާތުކުރުންތައް ގިނަ އެ ސަރަހައްދުގައި މިދިޔަ އަހަރުވެސް ހުދު ފުލުހެއްގެ އަނިޔާގެ ސަބަބުން ކަޅު ނަސްލުގެ މީހަކު ވަނީ މަރުވެފަ އެވެ. ޖޯޖް ފްލޮއިޑްގެ މަރުގެ ޝަރީއަތް އެމެރިކާގެ ކޯޓެއްގައި ކުރިއަށް ދާއިރު ދާދިފަހުން ވަނީ އޭނާގެ އޮޓޯޕްސީ ރިޕޯޓު ލިބި އޭގައި މަރުގެ ސަބަބެއްގެ ގޮތުގައި ފުލުހުން ދިން އަނިޔާ ކަމަށް ބުނެފަ އެވެ.
މަރުވި ޒުވާނާގެ މަންމައާ ޚަވާލާދީ ނޫސްތަކުން ބުނީ އޭނާގެ ދަރިފުޅު ޤަވާއިދާ ޚިލާފު އެއްވެސް ކަމެއް ނުކުރާ ކަމަށާއި ފުލުހުން ދަރިފުޅު މަރާލީ ނަސްލީ ތަފާތު ކުރުންތަކުގެ ސަބަބުން ކަމަށެވެ.
މި ޙާދިސާއާއެކު ހިތްހަމަނުޖެހި އެ ސަރަހައްދުގެ އާއްމުން ވަނީ މަގުމައްޗަށް ނުކުމެފަ އެވެ. އެއްވެތިބި މީހުން ވަނީ ފުލުހުންގެ އަމަލުތަކާ މެދު ނުރުހުން ފާޅުކޮށް ޖޯޖް ފޮލޮއިޑް އާއި އެ ޒުވާނާ އަށް އިންސާފު ހޯދައިދޭން ގޮވާލާފަ އެވެ.
އެމެރިކާ ގައި ނަސްލީ ތަފާތުކުރުންތައް އާއްމުވެ ކަޅު ނަސްލުގެ މީހުން އުޅެން ޖެހިފައިވަނީ ބިރުވެރި ކަމެއްގެ ތެރޭގަ އެވެ.-- އަލްޖަޒީރާ