ލަންޑަން (12 އޭޕްރިލް) - އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2ގެ ފިރިކަލުން ޕްރިންސް ފިލިޕްގެ ޖަނާޒާގައި ކާފަ ދަރިކަލުނ ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް ބައިވެރި ނުވާނެ ކަމަށް ޝާހީ އާއިލާގެ އޮފިޝަލުން ބުނެފި އެވެ.

ޕްރިންސް ފިލިޕް އަވަހާރަވުމުގެ ޚަބަރު އައުމާއެކު ގިނަ ބަޔަކު ވަނީ ޝާހީ އާއިލާއާ ވަކިވެފައިވެ އެމެރިކާގެ ކެލިފޯނިއާގައި ދިރި އުޅެމުން އަންނަ ޕްރިންސް ހެރީއާއި މޭގަން މާކަލް މި ހިތާމައިގައި ބައިވެރިވުމަށް އެނބުރި އިނގިރޭސި ވިލާތަށް ދާނެތޯ ސުވާލު އުފެއްދާފަ އެވެ.

އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން ޕްރިންސް ފިލިޕްގެ ޖަނާޒާގައި ބައިވެރި ވުމަށް ޕްރިންސް ހެރީ އެނބުރި އިނގިރޭސި ވިލާތަށް އައިސްފައި ވާއިރު އެ ދަތުރުގައި އަނބިކަނބަލުން މޭގަން މާކަލް އާއި ދަރިފުޅު އާޗީ ހެރިސަން ބައިވެރި އެއް ނުވެއެވެ. ދެވަނަ ދަރިފުޅަށް ބަލިވެ އިން މޭގަން އަށް ޖަނާޒާގައި ބައިވެރި ވުމަށް އެނބުރި އިނގިރޭސި ވިލާތަށް ނާދެވުނީ ސިއްޙީ ހާލަތު ހުރިގޮތުން ދަތުރުކުރުން ޑޮކްޓަރު މަނާކޮށްފައި ވާތީ ކަމަށް ޝާހީ އާއިލާގެ އޮފިޝަލުންނާ ޙަވާލާދީ މި ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

ހުކުރު ދުވަހު އަވަހާރަވި ޕްރިންސް ފިލިޕްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 17 ވަނަ ދުވަހު ވިންޑްސޯ ކާސަލްގަ އެވެ. ކޮވިޑް-19ގެ ސަބަބުން އާއްމުންނަށް ބަންދު ކޮށްގެން ކުރިއަށް ދާ މި ޖަނާޒާއަށް ހާޟިރުވެވެނީ 30 މީހުންނަށެވެ.

ޕްރިންސް ފިލިޕް އަށް އިހުތިރާމް އަދާ ކުރަން ބޭނުންނަމަ މާބޮނޑިތައް ވެދުމަށް އެރުވުމުގެ ބަދަލުގައި ހަދިޔާ ދިނުމާއި ޖަނާޒާގެ ކަވަރޭޖް ޓީވީ އިން ބެލުމަށް ޝާހީ އާއިލާއިން ވަނީ އާއްމުންގެ ކިބައިން އެދިފަ އެވެ.