ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއަށް ސީރިއަސް ތުހުމަތުތަކެއް ކޮށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ނެރެފައިވާ ރިޕޯޓްގެ މައްސަލަ ތަހުގީގު ނުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނެވިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ހިންގި ޖަރީމާތައް ޝުޖާއުއަށް އެނގޭ ކަމަށާއި އެހެންވެ، އޭނާގެ މައްސަލަ ފުލުހުން ނުބަލާނެ ކަމަށެވެ.
"މޭޔަރަކަށް ހުންނަވައިގެން މުއިއްޒު ހިންގަވާފައި ހުރި ޖަރީމާތަކުގެ ވާހަކަތައް އެތަންމިތަނަށް ސާފޭސް ވެގެން އެ ހުރިހާ ކަމެއް އެނގޭނެ. އެހެންވީމަ އުނދަގޫވަނީ އިނގޭތޯ ގަބޫލުކުރަން،" ޔާމީން ވިދާޅުވި އެވެ.
އެފްއައިޔޫ އިން ނެރުނު ރިޕޯޓްގައި ވަނީ ރައީސް މުއިއްޒުގެ ވެރިކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރުކުރަން ސިފައިންގެ ކުންފުނި، ސިވެކްއާ ހަވާލުކުރުމުން ޝުޖާއުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ސަބް ކޮންޓްރެކްޓްގެ ގޮތުގައި އެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ޝުޖާއުގެ މަސްލަހަތު އޮތް ކުންފުނިތަކަށް ސަރުކާރުން ޖުމްލަ 42.5 މިލިއަން ރުފިޔާ ކޮރަޕްޝަންގެ ތެރެއިން ދޫކުރި ކަމަށް އެ ރިޕޯޓްގައި ތުހުމަތުކޮށްފައިވެ އެވެ.
މުއިއްޒުގެ މޭޔަރު ކަމުގައި ޝުޖާއުގެ މަސްލަހަތު އޮތް ކުންފުންޏެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަން ވެސް އެ ރިޕޯޓުން ހާމަވެ އެވެ.
އެ ކަންމަކަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަންކަން ކަމަށް ވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
މިކަން ކަމަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ އެކަމުގައި ޝުޖާއުއަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެ ސަބަބަކީ މުއިއްޒު މޭޔަރު ކަމުގައި ހިންގާފައިވާ ޖަރީމާތައް އޭނާއަށް އެނގޭތީ ކަމަށެވެ.
"އެ ތަހުގީގު ނުއެއް ނިމޭނެ، އެ ތަހުގީގު ނުނިމެންޔަކާ މީނައާ ދޭތެރޭ ފިޔަވަޅެއް ނޭޅޭނެއެއްނު، މީގައި މިވެގެން އުޅޭ ގޮތަކީ އަޅުގަނޑުމެން ހަމަ އެންމެންނަށް އެނގޭ މިއީ ސިޓީ ކައުންސިލް ޒަމާނުންނާއި އޭގެ ކުރީއްސުރެއް ފެށިގެން މާލޭ ސިޓީ ކައުންސިލްގައި ހިނގާފައި ހުރި ހުރިހާ ބޮޑެތި ގޯސްތައް ޝުޖާއަށް އެނގޭނެ،" ޔާމީން ވިދާޅުވިއެވެ.
ސިވެކް އިން ހިންގާފައި ވަނީ ކަނޑައެޅިގެން ބޮޑު ކޮރަޕްޝަންގެ އަމަލެއް ކަމަށާއި އެ ކުންފުންޏަށް ނުވާވަރުގެ ކަންކަން އެ ކުންފުންޏާ ހަވާލުކުރަނީ ކީއްވެތޯ ޔާމީން ސުވާލު އުފެއްދެވި އެވެ. އަދި ސިވެކްއަށް ނުވާކަންކަން ކުރުމަށް ޝުޖާއުގެ ކުންފުންޏަށް ސަބް ކޮންޓްރެކްޓަރުގެ ގޮތުގައި ދިނުމަކީ ނުހައްގު ފައިސާ މަނީ ލޯންޑާކުރަން ހުޅުވި ދޮރެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ސިވެކްގެ ތެރެއިން ވެސް މީނާއަށް ފައިސާ ދޮވެދެނީއޭ، ދެން ކޮމްޕްރޮމައިޒް ނުވާނީ ކޮން ތަނެއްތޯ؟ ދެން ޕޮލިސްއަށް ހުށަހެޅީމަ، އެމްއެމްއޭއިން ކުރަން ޖެހޭ މަސައްކަތްކޮށްފި. ދެން މިއީ ތެދެއްކަން ކަށަވަރުވާ ގޮތަކީ، މިއާ ގުޅިގެން އެފްއައިޔޫގެ ހެޑް ވެސް މިއަދު ޑިސްމިސްކޮށްފި،" ޔާމީން ވިދާޅުވިއެވެ.
ޝުޖާއުގެ މަސްލަހަތު އޮތް ކުންފުނިތަކަށް ޖަމާވި އެ ފައިސާ އިން ލަގްޒަރީ އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާކަން ވެސް އެފްއައިޔޫގެ ރިޕޯޓުން ހާމަވެ އެވެ. އަދި މާލޭގެ މަޝްހޫރު ގޭންގަކަށް ވެސް ޝުޖާއުގެ މަސްލަހަތު އޮތް ކުންފުނިން ގިނަ އަދަދެއްގެ ފައިސާ ޖަމާކުރިކަން ވަނީ ފަޅާއަރާފަ އެވެ.
އެ މައްސަލަ އެމްއެމްއޭ އިން ފުލުހުންނަށް ހުށަހެޅިތާ އަހަރެއް ވީއިރު ވެސް ތަހުގީގު ނުފަށަ އެވެ. ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް އެކައުންޓުން އެ ރިޕޯޓް ލީކޮށްލުމުން ނޫސްތަކުގައި އެ ވާހަކަ ރިޕޯޓްކޮށް މުޅި ގައުމުގެ ސަމާލުކަމަށް އެކަން އައިސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާން ފެށުމުން ފުލުހުން އިއްޔެ ވަނީ އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ބުނެފަ އެވެ.