މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ ބަޔާން އަދިވެސް މައްސަލާގެ ތަހުގީގަށް ނުނެގޭކަމަށް ފުލުހުން ބުނެފި އެވެ.
ޔުމްނު ވެއްޓުނު ހާދިސާއަށް ގާތްގަނޑަކަށް 4 މަސް ވެފައިވާއިރު، ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެމުން ފުލުހުން ބުނީ ޔުމްނުގެ ބަޔާން އަދި ނުނެގޭކަމަށެވެ. އޭގެ ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.
މި މައްސަލާގައި ރައީސް މުއިއްޒު އުފެއްދެވި ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން އެ ކޮމިޝަނުގެ ތަހުގީގަށް ޔުމްނުގެ ބަޔާން ނަގަން އާއިލާއިން އެއްބާރުލުން ނުލިބޭކަމަށް ބަޔާންކޮށްފައިވާއިރު، މީގެ ކުރިން ފުލުހުން ވެސް ވަނީ ޔުމްނުގެ ބަޔާން ނަގަން، ތަކުރާރުކޮށް އާއިލާއާ މުއާމަލާތު ކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާތީ މެލޭޝިއާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ބުނެފަ އެވެ.
މި މައްސަލާގައި ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި، ޔުމްނު ވައްޓާލި ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނެތް ކަމަށާއި ބުރަވެވެނީ ވެއްޓުނީ ކަމަށް ވަނީ ބުނެފަ އެވެ.
ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނި ކަމަށް ވެސް އެފަދައިން ބަލަންޖެހޭ ސަބަބުތަކާއެކު އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
- ރައުދާއި ޔުމްނުއާ ދެމެދު ހަމަނުޖެހުމެއް ނުވަތަ ރުޅިވެރިކަމެއް އެ ރޭ ހިނގާފައިނެތް ކަމަށާއި ޔުމްނު ވެއްޓުނު ގޭގެ ނުވަނަ ފަންގިފިލާއަށް އެރީ ވެސް އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަން
- ޔުމްނު ވެއްޓުނު ގެއަށް އޭނާ ދިޔައީ އަމިއްލަ އިހްތިޔާރުގައި ކަމުން، އޭނާއަށް އަނިޔާއެއް ދިނުމުގެ މަގުސަދުގައި ރައުދު އެ ގެއަށް އޭނާ ގެންދިޔަކަން ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަން
- ޔުމްނު ވެއްޓުމުން ރައުދު އޭނާ ހޯދަން މަސައްކަތްކޮށް، އެހެން މީހުންނަށް ގުޅައި ތަންތަން ތަކުރާރުކޮށް ބެލިކަން ވެސް އެނގެން އޮންނަ ކަން
- ޔުމްނު ފުރާޅުމަތީގައި ޖެހުމާ ގުޅިގެން ނޫން ގޮތަކަށް އެހެން އަނިޔާއެއް ލިބިފައިނުވާ ކަމަށާއި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތް ކަން މެޑިކަލް ރިޕޯޓްތަކާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަން
އެހެންކަމުން ޔުމްނު ވެއްޓިފައިވަނީ ސިޑިގޮޅީގެ ކުޑަދޮރުން ކަމަށް ބެލެވޭ ކަމަށް ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ.
ޔުމްނު ސިޑިގޮޅީގެ ކުޑަދޮރުން ވެއްޓުނީ ކަމަށް ބަލަންޖެހޭ ސަބަބަކީ ޔުމްނު ވައްޓާލީ ކަމަށް އަދި ފުންމާލީ ކަމަށް ބެލެވެން ނެތުމުންނާއި އެ އެރޭ ޔުމްނުގެ އަމަލުތައް ހުރި ގޮތުންނާއި އޭނާ ހުރީ މަސްތުގެ ހާލަތުގައިކަން ކަށަވަރުވާތީ ކަމަށް ތަހުގީގު ރިޕޯޓްގައިވެ އެވެ.
މި މައްސަލާގައި އެރޭ ޔުމްނު ވެއްޓުމާ ހަމައަށް އޭނާ އާ އެކު އުޅުނު 21 އަހަރުގެ ރައުދު އަހުމަދު ޒިލާލުގެ އިހުމާލު އޮތްކަމަށް ރިޕޯޓްގައިވެ އެވެ.
ޔުމްނު ވެއްޓުނުތާ ހަފްތާއެއްފަހުން ރައުދު ހައްޔަރުކުރުމަށްފަހު ޖޫންމަހުގެ 26 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިރުޝާދުގެ އޭނާ ދޫކޮށްލީ އޭނާއަށް ކުރާ ދައުވާގެ އަދަބަށްވުރެ ބަންދުގެ މުއްދަތު އިތުރުވުމުން ކަމަށް ބުނެ އެވެ.