ހުޅުމާލޭގައި ފުލުހުންގެ ސައިކަލެއްގައި ކާރަކުން ޖައްސައި ބިންމައްޗަށް ވައްޓާލި މައްސަލާގައި ހައްޔަރު ކުރި މީހާގެ ވަނަވަރު އާއްމުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެ، ހ. ފިލިމާގެ، އައިކް ހައިޝަމް ހަސަން، 18، އެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުކުރަން ފުލުހުން ބުނުމުން މަޑުނުކޮށް ބާރު ސްޕީޑްގައި ފޭސް އެކަކާއި ފޭސް ދޭއްގައި ދުއްވަމުން ދިޔަ ކަމަށެވެ. އެހެންވެ، އެ ކާރުގެ ފަހަތުން ދެ ފުލުހަކު ސައިކަލެއްގައި ދިޔުމުން ކާރުން ޖައްސައި ސައިކަލުގައި އިން ފުލުހަކު ބިންމައްޗަށް ވައްޓާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި ބިންމައްޗަށް ވައްޓާލި ފުލުސް މީހާއަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދިންއިރު، އެ މައްސަލައާ ގުޅިގެން ކާރު ދުއްވި ފިރިހެން މީހާގެ އިތުރުން ކާރުގައި އިން އަންހެން މީހާ ހައްޔަރު ކުރި އެވެ.
ފުލުހުން މިއަދު ބުނީ މައްސަލައާ ގުޅިގެން އެ އިދާރާގެ ބެލުމުގެ ދަށަށް ރޭ ގެންދިޔަ އަންހެން މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.