ހުޅުމާލޭގައި ފުލުހުންގެ ސައިކަލެއްގައި ކާރަކުން ޖައްސައި ބިންމައްޗަށް ވައްޓާލި މައްސަލާގައި ހައްޔަރު ކުރި މީހާ ދޫކޮށްލައިފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެ، ހ. ފިލިމާގެ، އައިކް ހައިޝަމް ހަސަން، 18، އެވެ.

އެއާއެކު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށް ފަހު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނި ގޮތުގައި، ހުޅުމާލޭގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުކުރަން ފުލުހުން ބުނުމުން މަޑުނުކޮށް ބާރު ސްޕީޑްގައި ފޭސް އެކަކާއި ފޭސް ދޭއްގައި ދުއްވަމުން ދިޔަ ކަމަށެވެ. އެހެންވެ، އެ ކާރުގެ ފަހަތުން ދެ ފުލުހަކު ސައިކަލެއްގައި ދިޔުމުން ކާރުން ޖައްސައި ސައިކަލުގައި އިން ފުލުހަކު ބިންމައްޗަށް ވައްޓާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި ބިންމައްޗަށް ވައްޓާލި ފުލުސް މީހާއަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދިންއިރު، އެ މައްސަލައާ ގުޅިގެން ކާރު ދުއްވި ފިރިހެން މީހާގެ އިތުރުން ކާރުގައި އިން އަންހެން މީހާ ހައްޔަރު ކުރި އެވެ.

މި މައްސަލައާ ގުޅިގެން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެން މީހާ މިހާރު ވަނީ ދޫކޮށްލާފަ އެވެ.