ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު ކުރިމަތިލައްވައިފި އެވެ.

ހައި ކޯޓުން ހުސްވި ދެ ގޮނޑިއަށް ފަނޑިޔާރުން ހޯދަން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި 17 ބޭފުޅުންގެ ތެރެއިން 2 ބޭފުޅަކު އައްޔަނުކުރަން ހަމަޖެހުނު ނަމަވެސް އޭގެތެރެއިން އެ މަގާމަށް އައްޔަނުކޮށްފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އެވެ.

އެބޭފުޅާ އާ އެކު އެމަގާމަށް ދެން އައްޔަނުކުރުމަށް ހަމަޖެހުނު ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ އެކްޓިވިސްޓު، ޏ. ފުވައްމުލައް ދޫޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދުގެ ނަން އޭނާ ވަނީ އަނބުރާ ނަގާފަ އެވެ.

މި މަގާމަށް މީގެ ކުރިން ކުރިމަތިލި ޝަހީދުގެ ނަން އަނބުރާ ނެގީ ޝަހީދު މި މަގާމަށް އައްޔަނު ކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

މިގޮތުން އެޕްލިކޭޝަން ބާތިލް ކޮށްދިނުމަށް އެދި އޭނާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްއީ) ގެ ރައީސް ހުސައިން ރިޒާ އާދަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެފަދައިން ނިންމީ އޭނާއަކީ މިހާރު ވެސް ސިޔާސީ ބޭފުޅެއް ކަމަށް ބަޔަކު ސިފަކުރަމުންދާތީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ ހިތުގައި ސުވާލު އުފައްދަން ޖާގަ ނުދިނުމުގެ ގޮތުން ކަމަށެވެ.

އެއާއެކު އަލުން އެ މަގާމަށް ފަނޑިޔާރަކު އައްޔަނުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަލުން އިއުލާނު ކުރިއިރު، މާހިރު ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް ހަމަޖެއްސީ އޮކްޓޫބަރު 13، 2022 ގައި އެވެ. އޭނާ އެންމެ ފުރަތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ ނޮވެމްބަރު 9، 2005 ގައި އޭރުގެ މަދަނީ ކޯޓަށެވެ.

ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 45،700 ރުފިޔާ އެވެ. ލިވިން އެލަވެންސްގެ ގޮތުގައި މަހަކު 18000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3300 ރުފިޔާ ލިބޭއިރު، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސްވެސް ލިބޭނެ އެވެ.

މި މަގާމަށް ކުރިމަތިލެވޭނީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާނަމަ އެވެ.