މީޑިއާތަކުގެ ހުއްދަ ބާތިލުކޮށް، ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރުމުގެ ބާރު ކޮމިސަނަކަށް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިސަނުގެ ބިލު ބޭރުކޮށްލަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން ތައްޔާރުކުރަމުން އަންނަ މީޑިއާ ކޮންޓްރޯލް ބިލް ބޭރުކޮށްލަން ގޮވާލާ ޕެޓިޝަނުގައި މިހާތަނަށް ގިނައިން ސޮއިކުރީ ނޫސްވެރިންނެވެ.
https://x.com/mjamaldives/status/1960011505250001327
މިވަގުތު ޕެޓިޝަނުގައި ސޮއިކުރި މީހުންނަށް ބަލާއިރު، އޭގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ، ރާއްޖޭގެ ބޮޑެތި ނޫސްތަކުގެ އެޑިޓަރުންނާއި ނޫސްވެރިން ހިމެނެ އެވެ. އަދި ކުރި އާއި މިހާރުގެ މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) ގެ މެންބަރުން ވެސް ހިމެނެ އެވެ.
މިކަމުގައި އިސްކޮށް އުޅުއްވާ އެމްޖޭ އިން ބުނީ މިހާތަނަށް ޕެޓިޝަނުގައި ސޮއިކުރީ ހުސް ނޫސްވެރިން ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އާންމުންގެ ސޮއި ހޯދަން ވެސް ހުޅުވާލާނެ ކަމަށް އެ ފަރާތުން ބުންޏެވެ. މި ޕެޓިޝަނު ހުޅުވާލާނީ ޑިޖިޓަލް ޕެޓިޝަނެއްގެ ގޮތުގަ އެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ބިލުގެ ގޮތުގައި ލޭބަލްވެފައިވާ މި ބިލަކީ މިނިވަން މެންބަރު، ތުޅާދޫ ދާއިރާގެ އަބްދުލް ހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅި ބިލެކެވެ. މިއީ އޭނާ މި ފަދަ ބިލެއް މަޖިލީހަށް ހުށަހެޅި ދެވަނަ ފަހަރެވެ.
ކުރިން ފަހަރު ހުށަހެޅި ބިލު ބޭރުކޮށްލަން ސަރުކާރު ހިންގާ އަދި ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރާ ޕީއެންސީ މެންބަރުން ތާއީދުކުރި ނަމަވެސް، މި ފަހަރު ބިލު ހުށަހެޅުމުން ބޭއްވި އިބްތިދާއީ ބަހުސްގައި ސަރުކާރު ގިނަ މެންބަރުން ވަނީ މި ބިލަށް ތާއީދުކޮށް ވާހަކަދައްކައިފަ އެވެ. މި ބިލުގެ މަސައްކަތް މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.
އެފަހުން ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ މީޑިއާގެ މިނިވަންކަމަކީ ވަކި އިމެއްގެ ތެރޭގައި އޮންނަން ޖެހޭ އެއްޗެއް ކަމަށް ވިދާޅުވެ، މި ބިލުގައި ހުރި ކަންކަމަށް ތާއީދުކުރައްވާ މޭރުމަކުން ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް އޭގެ ފަހުން، ހޯމަ ދުވަހުގެ ރޭ އެމަނިކުފާނު ވަނީ އެ ބިލަށް ބައެއް ބަދަލުތައް ގެންނަން އަންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.
މަޖިލީހުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ބިލާ ނޫސްވެރިން ދެކޮޅު ހަދާ ސަބަބުތަކުގެ ތެރޭގައި، ސަރުކާރަށް ފަސޭހައިން ނުފޫޒު ފޯރުވޭ ގޮތަށް އޮތް ކޮމިޝަނެއް އުފެއްދުމުން ފެށިގެން އެ ކޮމިޝަނުން ނޫސްތަކާއި ނޫސްވެރިންނަށް އަޅަން ހިމަނާފައިވާ ފިޔަވަޅުތަކުގެ ހަރުކަށިކަން ހިމެނެ އެވެ.