ވެރިކަން ކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހުގެ ނަމުގައި ރ. އިންނަމާދޫން އިތުރު ތިން ގޯއްޗާއި ހުޅުމާލެއިން ވެސް ގޯއްޗެއް ގަނެފައިވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މަޖިލީހުން އާންމުކުރި ފަލާހުގެ މާލީ ބަޔާނުގައިވާގޮތުން އިންނަމާދޫގައި ފަލާހުގެ ތިން ގޯއްޗެއް ހުރެ އެވެ.

ފަލާހުގެ ނަމުގައި މިވަގުތު އޮތް ހަތަރު ބިމަކީ ރ. އިންނަމާދޫ ފަލަކް، ފަތް، އަސުރުހިޔާ އަދި މާލެއިން ގަނެފައިވާ މ. އަސުރުކުރި އެވެ. މާލެއިން އޭނާ ގޯތި ގަތީ ހަތަރު މިލިއަން ރުފިޔާއަށް ކަމަށް ފަލާހު ބުނެ އެވެ. އެކަމަކު އިންނަމާދޫއިން ގަތް ގޯތީގެ އަގުތަކެއް ފަލާހު ހާމައެއް ނުކުރެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންނަމާދޫއިން ތިން ބިމަކާއި ހުޅުމާލެއިން ބިމެއް ގަނެފައިވާނެ ކަމަށެވެ. މާލީ ބަޔާނުގައި ހިމެނިފައިނުވާ އެ ބިންތަކުގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކޮށް އަދި ނުނިމޭ ކަމަށް ފަލާހު ވިދާޅުވި އެވެ.

"އަދި އިންނަމާދޫ އިން ގަނެފަ ރަޖިސްޓްރީ ބަދަލުވުމުގެ މަރްހަލާގައި ތިން ގޯތި އެބަ އުޅޭ އަދި ހުޅުމާލެ އިން ގަތް ގޯތި ވެސް އުޅެނީ ރަޖިސްޓްރީ ބަދަލުކުރުމުގެ މަރުހަލާގައި. ވަރަށް ބެލިން މިފަހަރުގެ މާލީ ބަޔާނަށް ލެވޭ ވަރަށް ނިންމާލެވޭތޯ ނަމަވެސް ވާގޮތެއް ނުވި،" ފަލާހު ވިދާޅުވި އެވެ.

އެ ބިންތަކުގެ ވާހަކަ ކުރިން ހިއްސާކުރީ އަންނަ އަހަރު މާލީ ބަޔާން ނެރޭއިރު، ނޫސްވެރިން ހައިރާންވެދާނެތީ ކަމަށް ފަލާހު ވިދާޅުވި އެވެ.

"މިވާހަކަތައް މިހާ ކުރިން ހިއްސާ މި ކޮށްލީ ފަހަރެއްގައި ﷲ ގެ ރަހްމަތްފުޅުން ދުނިޔޭގައި ހުރެ މިއަންނަ އަހަރު މާލީ ބަޔާން ނެރޭ އިރު ނޫސްވެރިއަކު ފަހަރެއްގައި އާޝޯހުވެގެން ކަނޑަށް ވެޓިދާނެތީ،" އޭނާ ވިދާޅުވެފައިވެ އެވެ.