ޗައިނާގެ ރައީސް، ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް އެޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މާލެ ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގައި ބައިވެރިވެވަޑައިގެން، އެހެންް ޤައުމުތަކުގެ ހެޑް އޮފް ސްޓޭޓުންނާއި މަންދޫބުންނާއެކު އެސްސީއޯ ޕްލަަސްގެ މަތީ ފެންވަރުގެ ބައްދަލުވުންތަކުގައިވެސް ބައިވެރިވެވަޑައިގެންފަ އެވެ.

މިދަތުރުފުޅުގައި ރައީސް ވަނީ ޗައިނާގެ ރައީސް، ހިޒް އެކްސަލަންސީ ޝީ ޖިންޕިންގ އާވެސް ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ދެގައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި ދެފަރާތުން ހިއްސާކުރާ، މަސްލަހަތު ހިމެނޭ ކަންކަމާއެކު ކުރިއަށްވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވާފަ އެވެ.

މިސަމިޓުގެ ހަވާސާގައި ކުރިއަށް ގެންދިޔަ ބައިލެޓެރަލް ބައްދަލުވުންތަކުގައި ރައީސް ވަނީ އެހެން ގައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވައި، ހާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެއްވުމާއި، ގުޅިގެން މަސައްކަތްކުރެއްވޭނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި މަޝްވަރާކުރައްވާފަ އެވެ.